އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އަލް އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަތް މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި މަހުގެ 3 ވަނަ ދުވަހު އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އަލް އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެފައިވަނީ ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށާއި އެ އަމަލުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވެގެން ހިނގައިދާނެ ކަމަކަށް ވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

އެ މައްސަލައިގައި އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އދ ގައި ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން ބައިވެރިވަމުންދާ ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އޯއައިސީއިންނާއި އދ ގެ ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުންގެ އިސްނެގުމުގެ މަތީން 5 ޖެނުއަރީގައި ސަލާމަތީ މަޖިލީހުގެ އިމަޖަންސީ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އޯއައިސީގެ ސްޓޭޓްމަންޓެއް މި ބައްދަލުވުމުގައި ދީފައިވާ ކަމަށެވެ.

ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު މެދިއިރުމަތީގެ ހާލަތާ ބެހޭގޮތުން ޑިބޭޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ޑިބޭޓުގައި ރާއްޖެއިން ބައިވެރިވެ، ވާހަކަދައްކާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީއިން އިތުރަށް ބުނީ އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް، ރާއްޖެއިން އަބަދުވެސް އަންނަނީ ވަކާލާތުކުރަމުން ކަމަށާޢި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގައި ރާއްޖެއިން އަބަދުވެސް ފަސްނުޖެހި ކުރިއަށްދާނެ ކަމަށެވެ.