ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ ދަތުރުފުޅުގައި ރ. އިންނަމާދޫއާށް އެމަނިކުފާނު ވަޑައިގަތުމުން އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއީ ރ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ އެމަނިކުފާނުގެ ދެވަނަ މަންޒިލެވެ. އިންނަމާދޫގެ ކުރިން އެމަނިކުފާނު މިއަދު ވަނީ އެ އަތޮޅު މާކުރަތަށް ވަޑައިގެންފައެވެ. އެ ރަށުން ވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މީހުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އިންނަމާދޫއަށް ފަހު އެ މަނިކުފާނު އެ އަތޮޅު މީދޫއާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ކެމްޕެއިން ދަތުރުގެ ބޮޑު ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މީދޫގައެވެ.

"އެމްޑީޕީ ކުރިއަށް" ޝިއާރާ އެކު ރައީސްގެ ކެމްޕެއިން ފަށައިގެން ކުރިއަށް ގެންދާ އިރު މާދަމާ އެމަނިކުފާނު ވަނީ ނ އަތޮޅުގެ ރަށްރަށަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ. އެ ގޮތުން ނ. ކެނދިކުޅުދޫ، މަނަދޫ އަދި ވެލިދޫއަށް ރައީސް މާދަމާ ވަޑައިގަންނަވާނެއެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޕަރައިމަރީއަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން ވެސް އަންނަނީ ވަރަށް ފޯރި އާ އެކު ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ދެން އެ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް އަންނަނީ އަތޮޅު ތެރެއަށް ކެމްޕެއިން ދަތުރުފުޅު ކުރައްވަމުންނެވެ. އެ ގޮތުން މިއަދު އެ މަނިކުފާނު ވަނީ އއ. އަތޮޅަށް ވަޑައިގެންފައެވެ.