ދިވެހިންގެ ތެރޭގައިވެސް މަގުބޫލު އެވެންޖާސް ފިލްމު ތަކުގައި ހޯކައި ގެ ބައި ކުޅޭ ޖެރެމީ ރެނާ، ސްނޯ ކަހާ ވެހިކަލެއްގެ ދަށުވެ ޒަހަމްވެ އައިސީގައި ފަރުވާ ދީފިއެވެ.
އެމެރިކާއަށް ބޯ ސްނޯ ފައިބަމުން ދާ މި ދުވަސްވަރު ނެވާޑާގައި ހުންނަ ޖެރެމީގެ ގޭ ދޮރުމަތިން ސްނޯ ކަހަން އުޅުމުގެ ތެރޭގައި ވެހިކަލްގެ ދަށުވެ ފުރާނައަށް ނުރައްކާ ވިއެވެ. 6.5 ޓަނު ހުރި އެ ވެހިކަލް ދިޔައީ އޭނާގެ ގައިމަތިން ކަމަށާއި އެވަގުތު އޭނާގެ އާއިލާ ތިބީ ގޭތެރޭގައި ކަމަށް ހަބަރުތައް ބުނެއެވެ.
ސްނޯ ފައިބަމުން ދިޔަ އިރު މަގުތައް ބަންދުވެފައި އޮތުމާއެކު އޭނާ ހޮސްޕިޓަލަށް ގެންދިއުމުގައި ގޮންޖެހުންތަކާ ދިމާވި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައީ އެމަޖެންސީގައި ހެލިކޮޕްޓަރު އައިސް އަށިގަނޑަށްލައި އުފުލާލައިގެން ކަމަށް ބުނެއެވެ.
ވެހިކަލް ގައިމަތިން ދިޔުމުން މޫނައް ލިބިފައި ހުރި ޒަހަމްތައް ފެންނަ ފޮޓޯއެއް އޭނާ އިންސްޓަގްރާމްގައި ހިއްސާ ކުރަމުން މިއަދު ބުނީ، ހުރިހާ އެންމެނަށް ޝުކުރު އަދާކުރާ ކަމަށާއި، މިވަގުތު އޭނާ އޮތީ އެއްޗެއް ޓައިޕްކުރެވޭ ހާލަތުގައި ނޫން ކަމަށެވެ.
މި ހާދިސާ އާ ގުޅޭ ގޮތުން މައުލޫމާތު ދެމުން، ނެވާޑާ ކައުންޓީގެ ޝެރިފް ވިދާޅުވީ، ބޯ ސްނޯގައި ޖެރެމީގެ ގެ ހުރި ހިސާބުގައި 3 ފޫޓަށް ސްނޯ ހެދިފައި ހުރި ކަމަށެވެ. އަދި އޭނާ ސްނޯ ކަހަން އުޅުނީ، އޭނާގެ ކާރުގައި އެގެއަށް އައި އާއިލާގެ މެންބަރަކު ސްނޯތަކުގެ ތެރޭގައި ތާށި ވުމުން އޭނާ ސަލާމަތް ކުރަން ކަމަށާއި އެކަން އޭނާ ކުރި ކަމަށެވެ. އެވަގުތު އޭނާ އެ ވެހިކަލުން ފައިބާ ވެހިކަލް ނިއްވާ ނުލައި ގޮސް ކާރުގައި އިން މީހާ އާ ވާހަކަ ދައްކަން ހުއްޓާ ވެހިކަލް ދުވަމުން އަންނަތަން ފެނިގެން އޭނާ އެއަށް އަރަން މަސައްކަތް ކުރީ ކަމަށާއި ނަމަވެސް ނޭރި ވެއްޓި އޭގެ ދަށުވީ ކަމަށެވެ.