ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ލޯންޑާ ކުރި ކަމަަށް ސާބިތުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރި ފައިސާ ދައުލަތަށް ނެގުމުގެ ބައި އިސްތިއުނާފްކުރުމާ މެދު މަޝްވަރާކުރަމުންދާ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
މިދިޔަ މަހުގެ 25 ގައި ލޯންޑާ ކުރި ކަމާއި ރިޝްވަތު ގަބޫލުކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ހުކުމްކުރީ 11 އަހަރަށް ޖަލަށް ލައި، ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދެއްކުމަށެވެ.
ޔާމީންގެ މައްޗަށް ހުކުމްކުރި ދުވަހު ދައުލަތުން ކޯޓުގައި އެދުނީ، ލޯންޑާކުރި އެއް މިލިއަން ޑޮލަރާއި، އެ ފައިސާ އާ އެއްކޮށް އިންވެސްޓުކުރި 2.4 މިލިއަން ޑޮލަރުގެ އިތުރުން، އިންވެސްޓުކޮށްގެން ލިބުނު ފައިދާ ދައުލަތަށް ނަގައިދިނުމަށެވެ. ނަމަވެސް އެކަމާ މެދު ވަކި ގޮތެއް ކޯޯޓުން ނިންމާފައެއް ނުވެއެވެ.
.ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އެ ބައި އިސްތިއުނާފްކުރުމާ މެދު މަޝްވަރާކުރަމުންދާ ކަމަށާއި، އެކަމުގައި އަދި ގޮތެއް ނުނިންމާ ކަމަށެވެ.
ޔާމީންގެ އިތުރުން އެ މައްސަލައިގައި ރިޝްވަތު ދިންކަން ސާބިތުވެ، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލައިފައެވެ.
ވ. އާރަށުގެ މައްސަލަ ނިމި، ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގެ އަޑުއެހުންތައް އިއްޔެ އަލުން ފަށާފައިވާއިރު، އެ މައްސަލައިގައި ދައުލަތުން އަދި ޔާމީންގެ ވަކީލުން ވަނީ އާ ހެކިތައް ހުށަހެޅުމުގެ ފުރުސަތަކަށް އެދިފައެވެ. ޔާމީންގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބޭ އަހްމަދު ކްރިކް ރިޒާގެ ފަރާތުން ވަނީ، މައްސަލަ މިހާރު ބައްލަވާ ގާޒީ އަލީ ނަދީމަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ކުރީގެ ވަކީލަކަށް ވުމުން އެ މައްސަލައިން ތަނާޒުލްވުމަށް އެދިފައެވެ.