މި ފެށުނު އަހަރަކީ ރާއްޖޭގެ ތާރީހުގައި މުހިންމު އަހަރަކަށް ވެގެން ދާނެ ކަމަށް އެމްއާރްއެމް އިން ބުނެފިއެވެ.

އާ އަހަރުގެ ތަހުނިޔާއާއެކު އެމްއާރްއެމް އިން ވަނީ ހުރިހާ ރައްޔިތުންވެސް ކަންކަމާ މެދުގައި ވަރަށް ފުންކޮށް ވިސްނައި ނިންމުންތައް ނިންމާއިރު ގައުމުގެ މަސްލަހަތު އިސްކުރުމަށް ގޮވާލާފައެވެ.

އެމްއާރްއެމް އިން ބުނީ ދުއާ އަކީ ފެށުނު 2023 ވަނަ އަހަރަކީ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވައި، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުކަމާ އެކު ދެމި ތިބުމުގެ ތައުފީގު ދެއްވައި ދިވެހިންގެ މެދުގައި އެއްބަނޑު އެއްބަފާކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުން ކަމަށެވެ.

އެމްއާރްއެމްއިން އެ އިޝާރާތް ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކަމަށް ބެލެވޭ އިރު އެ ޕާޓީ މިވަގުތު އޮތީ ރައީސް އިބްރާހިމް މުހައްމަދުގެ ކޯލިޝަންގައެވެ. ޕާޓީ ކުޑަވެފައި ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރާނެ މެންބަރަކު ނެތަސް ކޯލިޝަން ބައިވެރިއެއްގެ ގޮތުގަައި އޮތުމުން ސަރުކާރު ބަހާ އިރު "މަގާމުކޮޅެއް" ލިބެއެވެ.

އެމްއާރުއެމް އިން ސަރުކާރު ކޯލިޝަންގައި އޮތަސް މިފަހުން، އެ ޕާޓީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީން ރައީސް ކަން ކުރައްވާ އަދި މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ލީޝާޝިޕްގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕީޕީއެމް އަށް އަމާޒުކޮށް ފާޑެއް ކިޔައި ނުހަދައެވެ. އަދި ޕީޕީއެމްއިންވެސް އެމްއާރުއެމް އަށް ފާޑުކިޔައި ނުހަދާ އިރު. މިހާރު ޔާމީން ޖަލުގައި އޮތުމާއި އިދިކޮޅު ކެންޑިޑޭޓަކަށް ޣައްސާން ވުމުގެ ފުރުސަތު ބޮޑު ކަމަށް ފެންނަ އިރު އެމްއާރުއެމްގެ އާއަހަރުގެ މެސެޖަކީ މުހިންމު މެސެޖެކެވެ.