މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެރޭ ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް ފަސް ދައުވާ އެއް ދައުލަތުން އުފުލައިފިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޝިޔާއު މަރާލާފައި އޮއްވާ ފެނުނީ، އޭނާ އާއި ޝާހިލް ދިރިއުޅެމުން ދިޔަ ހ. ޝީރީންވިލާގޭގައި ހުރި އެޕާޓްމަންޓެއްގެ ތެރެއިންނެވެ. އެނގިފައިވާ ގޮތުގައި އުމުރުން 22 އަހަރުގެ ޝިއާއު މަރާލާފައިވާއިރު، އޭނާގެ ބޮލާއި ހަތަރެސްފައި ވެސް އޮތީ ވަކިކޮށްލައިފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީޑިއާ އަށް ދިން މައުލޫމާތުގައި ބުނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާ އާ އެކު ޖުމްލަ ފަސް ދައުވާ އެއް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން، ފިނިފެންމާގެ / ފ. ނިލަންދޫ، ޝާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިތުރު ބައެއް ދައުވާތަކަކީ:

  • އޮރިޔާން ކާޑު ގެންގުޅުން
  • ކެނަބިސް ބޭނުންކުރުން

މިދިޔަ އޮކްޓޯބަރު މަހު ޝިއާއުގެ މަރާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ މައްސަލަ ތަހްގީގުކުރެއްވި ޗީފް އިންވެސްޓިގޭޓަރު، އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ، ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށް، އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުތަކުން އެނގެން އެބައޮތް ކަމަށެވެ.

ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ، އެ މައްސަލައިގައި ޝާހިލް ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް ކަން ވެސް ސާފު ކަމަށެވެ. އަދި އެ މައްސަލަ ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް އޭނާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.