އަފްގާނިސްތާނުގައި ހަކަތާތްެތެރިވާ އެއްވެސް އެންޖީއޯއެއްގައި ބުރުގާ ނާޅާ އަންހެނުންނަށް މަސައްކަތް ނުކުރެވޭނެ ކަމަށް ތޯލިބާން ސަރުކާރުން އެންގުމާއެކު، އެގައުމުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ 4 އެންޖީއޯއަކުން މަސައްކަތް ހުއްޓާލައިފިއެވެ.

އެކަން ހާމަކުރަމުން ނޯވޭޖިއަން ރެފިއުޖީ ކައުންސިލްގެ ކަންޓްރީ ޑިރެކްޓަރު ނީލް ޓާނާ ވިދާޅުވީ، ތޯލިބާން ސަރުކާރުން އެންގި އެ އެންގުމަކީ އަފްގާނިސްތާނުގެ ރައްޔިތުންގެ މުސްތަގުބަލަށް ނޭދެވޭ ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށާއި އެއީ "ވަގުތީ" ކަމެއް ކަމަށް ތޯލިބާނުން ބުނި ނަމަވެސް މަސައްކަތުގެ މާހައުލަށް ބޮޑު އަސަރެއް ކޮށްފައި ވާ ކަމަށެވެ. ހާއްސަކޮށް އަންހެން ދަރިންނާއި އަންހެނުންގެ ތައުލީމާއި ހައްގުތަކަށް ހުރަސް އެޅިފައި ވާ ކަމަށެވެ.

އެއާއެކު އޭނާ ބުނީ، އަފްގާނިސްތާނުގައި އެކި ހާލުގައި ތިބި އަންހެނުންނާ ހަމައަށް އެހީއައިގެން ދާން އަންހެން މަސައްކަތްތެރިން ބޭނުން ވާ ކަމަށާއި އެފުރުސަތު ތޯލިބާނުން ހިފެހެއްޓުމުން އެ ޖަމްއިއްޔާގެ މަސައްކަތްތައް މެދުކަނޑާލުން ނޫން ގޮތެއް މިވަގުތަށް ނެތް ކަމަށެވެ.

ތޯލިބާނުންގެ އެ ނިންމުމާއެކު މަސައްކަތް ހުއްޓާލި ޖަމްއިއްޔާތަކުގެ ތެރޭގައި ސޭވް ދަ ޗިލްޑްރަން، އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ، ނޯވޭޖިއަން ރެފިއުޖީ ކައިންސިލާއި ސިއްހީ އެހީއާއި ތައުލީމާއި ކުޑަކުދިންނަށް ބޭނުންވާ ދުޅަހެޔޮ ކާނާއާއި އެހީ ފޯރުކޮށްދޭ ކެއާ ޖަމްއިއްޔާ ހިމެނެއެވެ.

މި ކަމާ ގުޅިގެން ވާހަކަ ދައްކަމުން ޓާނާ އިތުރަށް ވިދާޅުވީ، އެ ހުރިހާ ޖަމްއިއްޔާއަކުން ވެސް އަފްގާނިސްތާނުގައި މަސައްކަތް ކުރަނީ އެގައުމުގެ ސަގާފަތާއި ދީނަށް ހުރުމަތްތެރި ކޮށް ހިތައިގެން ކަމަށާއި އަންހެންވެރިން ހެދުން އެޅުމުގައި ބުރުގާ އަކީ މަޖުބޫރު ކަމެއްކަން ދެނެ ތިބެ އެކަމަށް އިހުތިރާމް ކުރަމުން ކަމަށެވެ. އަދި އެ ޖަމްއިއްޔާތަކުގެ މަސައްކަތަކީ، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ވާ އަފްގާނިސްތާނުގެ ރައްޔިތުންނަށް އިންސާނީ އެހީއާއި އެނޫން ދާއިރާތަކުން އެހީތެރިވެ ދީ ހާލަތު ދެނެގަނެ ގާތުން ކަންކަން ކޮށްދިނުން ކަމަށާއި، އަންހެނުން ބުރުގާ އަޅާ އިރު މިންގަނޑަށް ނުފެތޭ ކަމަށް ބުނެ ތޯލިބާނުން އެ ފަދަ ފިޔަވަޅެއް އެޅުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

ތޯލިބާނުން ވެރިކަމަށް އައުމުގެ ކުރިން ބުނަމުން ދިޔަ ގޮތަށް، އަންހެނުންގެ ހައްގުތަކަސްވެސް އިހުތިރާމް ކުރުމާއެކު އަންހެނުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައި ދީ، އެންޖީއޯތަކުގައި މަސައްކަތް ކުރުމަށް މަނާކުރި ނިންމުން އަަވަހަށް އަނބުރާ ގެންދަން ވެސް ޓާނާ ވަނީ ގޮވާލާފައެވެ.