ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޕްރޮކިއުމަންޓް ޑިރެކްޓަރުގެ މާގާމުގައި ހުންނެވި މުހައްމަދު ސައީދަށް ވަގުތީ ގޮތުން އެ ކުންފުނި ހިންގަން ހަވާލު ކޮށްފިއެވެ.
ސައީދަށް ވަގުތީ ގޮތުން ޕީއެސްއެމް ހިންުން ހަވާލުކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ ހާލިދުގެ މަގާމުގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހަށް ހަމަވުމާ ގުޅިގެންނެވެ. އަދި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމީމްގެ މަގާމުގެ މުއްދަތު ވެސް ވަނީ މިއަދަށް ހަމަވެފައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުހައްމަދު ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް ހިލްމީއަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދުގެ މަގާމު މި މަހުގެ 24 ވަނަ ދުވަހު ހަމަވެފައި ވާތީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމްގެ މަގާމުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހު ހަމަ ވާތީ އެ ދެބޭފުޅުން މަގާމުން ވަކިވީ ކަމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކުންފުނި ހިންގުމަށް ބުރޫނާރާނެހެން ކަންކަން އިންތިޒާމް ކޮށް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް އެ ބޯޑުން ގަބޫލުކުރާ ކަމަށް ބުނެފައި ވެއެވެ.
ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގެ 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރެވެންދެން ޕީއެސްއެމް ހިންގުމުގެ ޒިންމާތައް ޕިއެސްއެމްގެ ސީނިއާ މެނޭޖްމަންޓުގައި ހިމެނޭ މުހައްމަދު ސައީދަށް މާދަމާއިން ފެށިގެން ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ. އަދި އޭނާއަށް ބޯޑުގެ މެންބަރެއްގެ ގޮތުގައި ބޯޑުގައި ބައިވެރިވެވޭނެ ކަމަށް ވެސް ވެއެވެ.
މެނޭޖިން ޑިރެކްޓަރެއް އައްޔަން ކުރެވެންދެން މެނޭޖްމަންޓުގެ ކަންކަން ބޯޑުން ގާތުން މޮނީޓާ ކޮށް ބަލާނެ ކަމަށް ބުނެފައިވާ އިރު، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވެންދެން ކުންފުނި ދުވަހުން ދުވަހަށް ހިންގެވުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ފިޔަވައި ކުންފުނީގެ ސިޔާސަތާ ގުޅޭ ނުވަތަ ކުންފުނީގެ ނިސްބަތުން ބޮޑު މާލީ ނުވަތަ ވިޔަފާރިއާއި ގުޅޭ އެއްވެސް ނިންމުމެއް ނުވަތަ ކަމެއް ނުކުރުމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.