ވ. އާރަށް މައްސަލައިގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 16 މީހުންވެސް ދޫކޮށްލައިފިއެވެ.
ފުލުހުންގެ ބުނީ ރޭގެ މުޒާހަރާއިން ހައްޔަރުކުރީ 15 ފިރިހެނުންނާއި އަންހެނެއް ކަމަށެވެ.
އިދިކޮޅުގެ މުޒާހަރާ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަހައްދުގައި ކޮށްފައި ވާއިރު އޭގެ ފަހުން މުޒާހަރާ ކޮށްފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެ ކައިރީގައެވެ. އެ މުޒާހަރާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވިއެވެ.
އެ މުޒާހަރާ ރޫޅާލަން ފުލުހުން މަސައްކަތް ކޮށްފައި ވާއިރު އެމްއެންޑީއެފް އިން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހިމެނިވަޑައިގެންނެވިއެވެ.
މީގެ އިތުރުން މާލެ ސިޓީ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު އާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދު ﷲ ވެސް މުޒާހަރާގައި ބައިވެރިވެވަޑައިގަތެވެ.
ވ. އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަަހަރަށް ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް އިއްވީ އިއްޔެއެވެ.