އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ޖަލަށް ލުމުން 2023 ގައި ވެރިކަމަށް ކުރިމަތިލެއްވުމަށް އޮތް ފުރުސަތު ގެއްލުނަސް އިދިކޮޅު ލީޑާޝިޕްގެ އެހެން އެއްވެސް ބޭފުޅަކު ވެރިކަމާ ނޫޅޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވިއެއްޖެއެވެ.

ލީޑާޝިޕްގައި ތިއްވެބި ވަކިވެކި ބޭފުޅުންގެ ނަން ވިދާޅުވެ އަދުރޭ މިއަދު އިއުލާން ކުރެއްވީ، ޔާމީން ނޫން ކެންޑިޑޭޓެއް އިދިކޮޅު ޕާޓީން ނުދައްކާނެ ކަމަށާއި 2023 ގެ އިންތިހާބުގެ ވޯޓު ކަރުދާހުގައި ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ.

"ޝިޔާމެއް، ޝުޖާއެއް، މޮންދެއް، މުއިއްޒެއް، އާދަމް ޝަރީފެއް، ސައީދެއް، ޣައްސާނެއް، އަދި ދެން ހުރި ބޭފުޅަކުވެސް ނޫޅޭ 2023 ގެ ޓިކެޓް ހޯދާކަށް"
އަބްދުއްރަހީމް

އަދުރޭ މިއަދު އެހެން ވިދާޅުވެ ވާހަކަ ދެއްކެވި ޕްރެސް ކޮންފަރެންސްގައި އެ ހުރިހާ ބޭފުޅުންވެސް ތިއްބެވިއެވެ. އަދި އެ ހުރިހާ ބޭފުޅުންގެ ފަރާތުން ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމިން ހުންނެވީ ގަދަ ކޮށް ކަމަށާއި އެއީ އެމަނިކުފާނު ރައްޔިތުންނަށް ދެއްވާ މެސެޖު ކަމަށެވެ.

"އެއްގޮތަކަށް ވެސް ހީނުކުރައްވާތި، އަޅުގަނޑުމެން މިތާނގައި މިތިބަ މީހުންނަކީ ބައިބައި ވާނެ ބައެއް ނޫން. ބައިބައި ނުކުރެވޭނެ މި ޓީމެއް، ސާފުކޮށް މި ދަންނަވަނީ. ބައިބައި ނުކުރެވޭނެ، އަޅުގަނޑުމެން އެއް ހަށިގަނޑެއްގެ ގޮތުގައި މި ތިބީ،"
އަބްދުއްރަހީމް

އެ މޭރުމުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ޕީޕީއެމްގެ ޗޮއިސް އަކީ "ހަމަ ޔާމީން" ކަމަށް ވިދާޅުވެ އެ ބަސް ތިން ހަތަރު ބުރަށް ތަކުރާރު ކުަރައްވާފައެވެ.

ޔާމީން ނެތް ހާލަތެއް އަތުވެއްޖެ ނަމަ 2023 ގެ ޓިކެޓާ މެދު ސުވާލު އުފެދިފައި ވަނީ، މިހާރު ކޯޓުގައި ކުރިއަށް ދާ، މަނީ ލޯންޑަރިންނާއި ރިޝްވަތުގެ މައްސަލައިގައި މިއަދު ރައީސް ޔާމީނަށް ހުކުމް އިއްވާތީއެވެ. ރައީސް ޔާމީންގެ މައްޗަށް ކޫށަ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިހާރު ކަނޑައަޅާފައި ވާ އިރު، މިއަދު ހުކުމް އިއްވާނެއެވެ. އެ ހުކުމާއެކު 2023 ގެ އިންތިހާބުގައ ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލިދާނެ ކަމުގެ ބިރު އޮތް ނަމަވެސް އެ ހުކުމް މަތީ ދެ މަރުހަލާގައި އިސްތިއުނާފު ކުރާނެ ކަމަށް ބެލެވޭ އިރު އެ މަރުހަލާތައް ނިމުމާއި ރިޔާސީ އިންތިހާބާ ދެމެދު އެކަށީގެންވާ މޫސުމެއް ނުލިބިއްޖެ ނަމަ 2023 ގެ އިންތިހާބުގައި ޔާމީނަކަށް ވާދައެއް ނުކުރެއްވޭނެއެވެ.