މި މަހުގެ 10 ވަނަ ދުވަހު މެންދުރު މަރުވެފައި އޮއްވާ ފެނުނު ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ޖަނާޒަ މިއަދު މަޣްރިބް ނަމާދަށް ފަހު ބާއްވަން ހަމަޖައްސައިފިއެވެ.

އޭނާގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ އާސަހަރާ މިސްކިތުގައެވެ.

އޭނާގެ ޖަނާޒާ ބާއްވަން ނިންމާފައިވާ އިރު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ނިޝާމާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ. ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައި ވަނީ އޭނާ މަރުވިތާ 11 ދުވަސް ފަހުން މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނުއެވެ.

ނިޝާމާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ހައްޔަރު ކުރީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ދީފައި ވަނިކޮށް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ފައިސަލް ވަނީ ދަންޖެހިފައެވެ.

ފައިސަލް ދަންޖެހިފައި ހުއްޓާ ފެނިގެން އޭނާ ސަލާމަތްކޮށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި އޭނަ އަށް ވަނީ ފަރުވާ ދީފައެވެ. ފަރުވާދެމުން ދަނިކޮށް އެނާ މަރުވެފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

އެ ދެމަފިރިން މަރުވި އިރު އެ ދެމަފިރިންނަށް ކުޑަ 3 ކުދިން އެބަ ތިއްބެވެ. އެއީ 2 އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.