ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސީ ލިޑަރުން ގަނެވުނަސް އެމަނިކުފާނުވެސް ހިމެނޭހެން ޕީޕީއެމްގެ ސިޔާސީ ލީޑަރުން އިންޑިއާ އަށް ނުގަނެވޭނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ ހޫނު ހަމަލާތަކެއް އިންޑިއާގެ ވެރިންނަށް އަމާޒު ކުރައްވައިފިއެވެ.

މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށް ދާ "ފެލާލައިފި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ މި ސަރުކާރުގައި އެހެން ސިޔާސީ ޕާތީތަކުގެ ލީޑަރުން އިންޑިއާ އަށް ވިކުނަސް އެމަނިކުފާނާއި ޕީޕީއެމްގެ ސިޔާސީ ލިޑަރުން ނުގަނެވޭނެ ކަމަށެވެ.

މީގެ އިތުރުން ޔާމީން ވަނީ، އިދިކޮޅުން އިންޑިއާ އާ ދެކޮޅަށް ގެންގުޅޭ އިންޑިއާ އައުޓް ޝިއާރު ތަކުރާރު ކުރައްވައި، އިންޑިއާ ޖެހޭނީ ފައިބަން ކަމަށާއި، ކިތަންމެ ރުޅި އަޔަސް "އިންޑިއާ އައުޓް" ވިދާޅުވާނެ ކަމަށެވެ. އަދި އެއީ އެމަނިކުފާނު ދެކެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު ކޯފާވާ ކަމަކަށް ވީ ނަމަވެސް އެވާހަކަ ތަކުރާރު ކުރައްވާ ކަމަށް ވިދާޅުވެ، ބާރު އަޑުފުޅުން އިންޑިއާ އައުޓް ވިދާޅުވެފައި ވެއެވެ.

ޔާމީން މިރޭވެސް ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ނުޖެހޭނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި، ބާލާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާ އަކީ ނިއުކްލިއާ ބާރަކަށް ވިޔަސް މި ރާޢްޖޭގައި އެހެން ނުތިބެވޭނެ ކަމަށާއި، އިންޑިއާ މީހުން ފައިބަން ގޮވާލަނީ، ރާއްޖެ އަކީ އެމަނިކުފާނުގެ ވެސް ގައުމަށް ވާތީ ކަމަށް ވިދާޅުވިއެވެ. އަދި މިއީ އިންޑިއާގެ އަވަށެއްވެސް، އަދި އިންޑިއާގެ ބާރު ހިނގާ ތަނެއްވެސް ނޫން ކަމަށާއި އެހެން ކަމުން ފޭބުން ނޫން ގޮތެއް ނެތް ކަމަށެވެ.

މިރޭގެ ޖަލްސާގައި ޔާމީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް ބަހުގެ ހޫނު ހަމަލާތަކެއްވެސް ދެއްވާފައެވެ. އެގޮތުން ރައީސް ސޯލިހަކީ، އެެއްވެސް "ކަމެއް ނުވާ ބޭފުޅެއް" ކަމށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ބޮޑު މީހާ (އަދީބު) ހުރީ ގޭގައި ރައްކާތެރި ކޮށްފައި ކަމަށާއި، އެ މައްސަލަވެސް ރަނގަޅަށް ނުބެލުނ އިރު، ވެންޓިލޭޓަރުގެ މައްސަލަވެސް ނުބެލުނު ކަމަށާއި، އެނޫން ކިތަންމެ ކިތަންމެ ކަމެއް ކުރަން ނުކެރުމުގެ އިތުރުން ކުރަން ނޭނގޭ ކަމަށް ވިދާޅުވެ ހަމަލާތައް ދެއްވިއެވެ.

ޝާހިދާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާ "ލަދެއް ހަޔާތެއް ނެތް" ކަމަށާއި، ހާރިޖީ ދައުރުގައި ގެންނަން ބުނި 2.9 ބިލިއަން ރުފިޔާގެ އެހީގެ ތެރެއިން އަދި މިހާތަނަށް ގެނެވުނީ 300 މިލިއަން ރުފިޔާ އެކަނި ކަމަށެވެ.

މިރޭގެ ޖަލްސާގައި ޔާމީން ވަނީ، ޕީޕީއެމްގެ ވެރިކަމެއް ގައި، މިސަރުކާރުގައި ތިބި އެންމެން ފިލާ ރާއްޖެއިން ބޭރަށް ދާން މަސައްކަތް ކުރާނެ ކަމަށާއި އެންމެންގެ މައްސަލަ ބައްލަވާނެ ކަމަށެވެ. އެގޮތުން ބެފުޅެއްގެ ނަން ވިދާޅުވަމުން ޔާމީން ވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އައިއިރު އިލެކްޝަން ކޮމިޝަންގެ ރައީސަކަށް ހުންނެވި މިހާރު ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފުގެ ވާހަކަ ފާހަގަ ކުރައްވައި އޭނާ ޖެހިވަޑައިގަންނަވާނީ ކަރަންޓްގައި ޖެހެން ނުވަތަ އޭނާގެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި 1000 އާއި 1200 އާ ދެމެދުގެ އަދަދެއްގެ މީހުން ބައިވެރި ވި ކަމަށް ބެލެވެއެވެ.