ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ނުދެއްވާނެ ކަމަށް ބެލެވޭ އަސްލު އެމްޑީޕީގެ މެންބަރުން ވަކިކޮށްފައިވާ ކަމަށް، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް މިދިޔަ އާދީއްތަ ދުވަހު ވަނީ ހުޅުވާލައިފައެވެ. އެއާއެކު، ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް، ނަޝީދު ވަނީ އެ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ.

ނަމަވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާނުކުރެއްވުމަށް ފަހު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީފުޅެއްގައި ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ވޯޓުލާ ދަފްތަރުން 40 ހާހާ ގާތަށް މެމްބަރުން ތިބިއިރު އެ މެންބަރުންނަށް އެނގުމަކާ ނުލައި ކުއްލިއަކަށް އުނިކުރުމުން ދަފްތަރު ވަނީ ގަޑުބަޑުވެފައެވެ.

މިއަދު ކުރެއްވި ޓްވީޓްގައި ނަޝީދު ވިދާޅުވީ، މިދިޔަ އަހަރު އެކަނިވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ 39 ހާހަށް ވުރެ ގިނަ މެންބަރުން ޕާޓީން ބޭރުކުރައްވާފައިވާ ކަމަށެވެ. އެމްޑީޕީގެ ދަފްތަރު ސާފުކޮށް، ޕާޓީން ބައެއް މެންބަރުން ވަކިކުރަން ޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ރައީސަށް ޕްރައިމަރީގައި ވޯޓު ނުދެއްވާނެ ކަމަށް ބެލެވޭ އެމްޑީޕީގެ މެންބަރުން ޕާޓީން ވަކިކުރެއްވި ކަމުގެ ތުހުމަތު ކުރައްވައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން އެދޭ ކެންޑިޑޭޓުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ނަން ހުށަހަޅަން އެ ޕާޓީން އަންގާފައިވާއިރު، ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ހާމަކުރެއްވީ ރައީސާއި ނަޝީދެވެ. ކޮންމެ ކެންޑިޑޭޓަކު ވެސް ފޯމް ހުށަހަޅާއިރު، ފޯމް ހުށަހެޅޭނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދާ އެކުގައެވެ. އެހެންކަމުން މިހާރު ކުރިއަށް ދަނީ ދެ ބޭފުޅުންގެ ފަރާތްޕުޅުން ވެސް ތާއީދު ފޯމް ފުރުމުގެ މަސައްކަތެވެ.

އަންނަ މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު ވަނީ އެ ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު އެމަނިކުފާނަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.