ދައުލަތަށް ލިބޭ އާމްދަނީ އާއި ފައިސާ ހޭދަކުރަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ސިޔާސީ މައިދާނުން ގެއްލުވާލުމަށް ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަންނަ ހުކުރު ދުވަހުގެރޭ "ފެލާލައިފި"ގެ ނަމުގައި އިދިކޮޅުން ބާއްވާ ޖަލްސާގެ ކުރިން، އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންގެ ޓީމެއް ކާށިދޫ އާއި ގާފަރު ފިޔަވައި ކ. އަތޮޅުގެ ހުރިހާ ރަށަކަށް މިއަދު ދިއުމަށް ވަނީ ހަމަޖެހިފައެވެ. ޝިޔާމް ވިދާޅުވީ، ދަތުރުގެ މަގްސަދަކީ ރައްޔިތުންގެ ހާލަތު އޮޅުންފިލުވައި މިހާރު އޮތް ހާލަތު ބަދަލުކުރާނެ ގޮތްތައް ރައްޔިތުންނާ ހިއްސާކުރުން ކަމަށެވެ.

ދަތުރަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި، ނައިފަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ، ޔާމީން ދައުލަތުގެ މުއައްސަސާތަކަށް އަބަދު ހާޒިރުކުރާތީ އެމަނިކުފާނު ހުންނެވީ ތަނަކަށް ވަޑައިނުގެންނެވޭ ފަދަ ހާލަތެއްގައި ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެންމެ ބޮޑު މަގްސަދަކަށްވީ ވެރިކަމުގެ ކުރިން ވީ ވައުދުތައް ފުއްދުމުގެ ބަދަލުގައި، ސިޔާސީ މައިދާނުން ޔާމީން ފޮހެލުމެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުން ޔާމީން ފޮހެލުމަށްޓަކައި ދައުލަތަށް ލިބޭ ފައިސާ އިން އެކަމަށް ހޭދަކުރާ ކަމަށް ވިދާޅުވެ، ސަރުކާރަށް ޝިޔާމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އާއިލާ މީހުންނަށާއި އޭނާގެ ރައްޓެހިންނަށާއި ދެން އޭނަ އަށް ސަޕޯޓުކުރާ މީހަކަށް ވެއްޖިއްޔާ ވަޒީފާ ދީގެން ރައީސް ޔާމީނަށް ގެއްލުން ދިނުމަށްޓަކައި މިކުރާ މަސައްކަތެއްގަ މި ހުރިހާ އެންމެން ބައިވެރިކޮށްގެން މި ކަންތައް މި ކުރަނީ." ޝިޔާމް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އެއްވެސް ސަރަހަދެއްގަ ބޮޑު ޕްރޮޖެކްޓެއް ހިނގަނީ އެއް ނޫން. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ، ދިވެހި ދައުލަތް އެއްކޮށް ދަވާލައިފި. ދިވެހި ރައްޔިތުން ހަމަ އެއްކޮށް ފެލާލައިފި."

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އަށް ވަޑައިގެން ގަވަރުނަރު އަލީ ހާޝިމާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖެއަކީ އިގްތިސޯދީ ގޮތުން ހަމަޖެހޭ ގައުމެއް ކަމަށާއި، ޔާމީންގެ ވެރިކަން ނިމުނުއިރު ރިޒާވްގައި އެތައް މިލިއަން ޑޮލަރެއް ހުއްޓަސް މި ވެރިކަމާއެކު އެ ހުރިހާ އެއްޗެއް ހުސްވެއްޖެ ކަމަށެވެ.

ޔާމީން ސިޔާސީ މައިދާނުން އެކަހިރުކުރުމަށްޓަކައި ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާ ކަމުގެ ތުހުމަތު އިދިކޮޅުން ކުރެއެވެ.