މި އަހަރު ތެރޭ ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރި 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސް ޓާގެޓް ހަމަކޮށްފިއެވެ.

އެގޮތުން މި އަހަރަށް ރާއްޖެއަށް ޒިޔާރަތް ކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިއަހަރަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ޓާގެޓް ކުރި އަދަދު މިއަދު ހަމަކޮށްފައިވާ އިރު، މި އަމާޒު ހާސިލް ކުރެވުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަރުކާރުގެ އިދާރާތަކާއި، ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންގެ ބުރަ މަސައްކަތުން ކަމަށް ވިސިޓް މޯލްޑިވްސް އިން ބުނެއެވެ.

މި އަހަރުގެ 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުމުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެމްއެމްޕީއާރުސީން މިއަދު ބޭއްވި އެ ހަރަކާތަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާ ގުޅިގެން ބޭއްވި ހަރަކާތެކެވެ. އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި 1.6 މިލިއަން ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެއަށް މި އަހަރު ޒިޔާރަތް ކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަކީ އިންޑިއާގެ ރައްޔިތެއް ކަމަށް ވާ ތޭޖާސް ސަންޖޭ ކޮތާރީއެވެ. އޭނާެ އަންހެނުންނާ އެކު ހަނީމޫނަށް ރާއްޖެ އައިސްފައި ވަނީ އެއާ ވިސްތާރާގެ ފްލައިޓެއްގައެވެ. އޭނާއަށް އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އެހެނިހެން ފަރާތްތަކުގެ ފަރާތުން ހާއްސަ ހަދިޔާތަކެއް ދީފައެވެ.

މި އަހަރުގެ ޓާގެޓް ހާސިލް ކުރެވުމާ އެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީގެ އިތުރު ކާމިޔާބީއެއް ހާސިލު ކުރުމުގައި ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ ސްޓޭކް ހޯލްޑަރުންގެ ބައިވެރިވުމާއި އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ބަލިމަޑުކަމުގެ ކުރިން އޮތް ހާލަތަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދުރުވިސްނުންތެރި ލީޑާޝިޕާއި، ފަތުރުވެރިކަމުގެ ހަރުދަނާ ސިޔާސަތުތަކާއި، ސަރުކާރާއި ޕްރައިވެޓް ސެކްޓާގެ މެދުގައި އޮތް ހަރުދަނާ ގުޅުމުގެ ވަރަށް ސާފު ހެއްކެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ރާއްޖެއަށް ފަތުރުވެރިން އަންނާނޭ ކަމަށް ކަނޑައެޅި ޓާގެޓް ހަމަވާނީ މި މަހުގެ 3 ވަނަ ހަފްތާ ތެރޭ ކަމަށް ވިދާޅުވެފައެވެ. އަދި ފަތުރުވެރިން ދެން އަންނަ މިންވަރު އިތުރު ވާނީ ގަތަރުގައި ކުރިއަށް ދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވި ގޮތަށް މި މަހުގައި ރާއްޖެއަށް ފަތުރުވެރިން އައި އަދަދު ދުވާލެއްގެ މައްޗަށް ބަލާއިރު ވަނީ 4500 އާއި 6100 އާ ދެމެދުގައި ހިފެހެއްޓިފައެވެ. އަދި މި މަހުގެ 18 ވަނަ ދުވަހު ވަނީ 6804 ފަތުރުވެރިންނާ އެކު މި މަހުގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަށް ވެފައެވެ.

މި އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ޓާގެޓް ކުރި އަދަދު މިއަދު ހާސިލް ވެފައިވާ އިރު، މިދިޔަ އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ތާގެޓް ކުރި 1.3 މިލިއަން ފަތުރުވެރިންގެ ޓާގެޓް ވެސް ވަނީ ހާސިލް ކޮށްފައެވެ.