ގަތަރު 2022 ގެ ފައިނަލް މެޗަށް ފްރާންސާއި އާޖެންޓީނާ މިރޭ ނިކުންނަ އިރު 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ނޮކްއައުޓް ސްޓޭޖްގައި މި ދެޓީމުން ކުޅެނެވެ.
މިގޮތުން 2018 ގެ ވޯލްޑްކަޕްގެ ދެވަނަ ބުރުގައި އާޖެންޓީނާއާ ފްރާންސް ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 4-3 އިން ފްރާންސް މޮޅުވެގެންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައިި ފުރަތަމަ ލަނޑު ޖެހީ ފްރާންސުންނެވެ. މިގޮތުން، މެޗުގެ 13 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ފްރާންސްއަށް ލީޑު ނަގާ ދިނީ އެންޓޯނިއޯ ގްރީޒްމަންއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އާޖެންޓީނާއިން ލަނޑެއް ޖަހާ ނަތީޖާ އެއްވަރު ކުރިއެވެ. އެންގެލް ޑި މާރިއާ ޖެހި މިލަނޑަކީ ވަރަށް ހިތް ގައިމު ލަނޑެކެވެ.
2018 ވަނަ އަހަރުގެ މުބާރާތުގައި ކުޅުނު މިމެޗުގައި ދެން ވެސް ލަނޑު ޖެހީ އާޖެންޓީނާއިންނެވެ. މިގޮތުން މެޗުގެ 48 ވަނަ މިނެޓްގައި ގެބްރިއަލް މާކޭޑޯ ޖެހި ލަނޑު އެސިސްޓްކޮށް ދިނީ މެސީއެވެ.
2-1 ގެ ލީޑު އާޖެންޓީނާއަށް ނުހިފެއްޓުނެވެ. މެޗުގެ 57 މިނެޓްގައި ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާ އޭރިއާ ބޭރުން ފޮނުވާލި ޝޮޓް ގޯލުގެ ތެރެއަށް ވަތް އިރު މިއީ ރަޝިޔާ 2018 ގައި ފެނުނު އެންމެ ރީތި އެއް ގޯލެވެ.
ދެން ފެނިގެން ދިޔައީ އޭރު 20 އަހަރު ވެސް ނުފުރޭ ކިލިއަން މަމްބާޕޭގެ ޝޯއެވެ. މިގޮތުން އޭނާ ފުލުފުލުގައި ފްރާންސް ޖަހާ ދިން ދެ ލަނޑާއެކު 4-2 ގެ ލީޑެއް ނަގާ ދިނެވެ.
ރަޝިޔާ 2018 ގެ އެންމެ ފޯރިގަދަ އެއް މެޗު ނިމުމުގެ ކުރިން އާޖެންޓީނާއިން ލަނޑެއް ޖަހާ ނަތީޖާ 4-3 އަށް ހެދިއެވެ. މި ސްކޯގައި އޮވެގެން މެޗު ނިމުނު އިރު އެފަހަރުގެ ވޯލްޑްކަޕްގެ ތަށި ހޯދި ފްރާންސް ވަނީ އާޖެންޓީނާ ކަޓުވާލާފައެވެ.