ރައްޔިތުންގެ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށް ބުނެ އިދިކޮޅުން ބީއެމްއެލްގެ އިސްވެރިންނާ ބައްދަލުކުރަން ބީއެމްއެލް އަށް ގޮސްފިއެވެ.
މިއަދު ބީއެމްއެލް ކުރިމަތީގައި މީޑިއާތަކާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، ބީއެމްއެލްގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް މިއަދު ހެނދުނު 11 ޖެހި އިރު ބީއެމްއެލްގެ ހެޑް އޮފީހަށް ދިޔަނަމަވެސް ކަން ދިމާކުރި ގޮތުން މިއަދު ބައްދަލު ނުވި ކަމަށެވެ.
ނާމަވެސް މާދަމާ މެންދުރު 13:00 ގައި ބީއެމްއެލްގެ އިސްވެރިންނާ ބާއްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައްޔިތުންގެ ހުރި ފައިސާއާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކުގެ ތެރޭގައި ރައްޔިތުންގެ ފައިސާއަށް ވާނުވާ ނޭނގުމާއި، ޑޮލަރު ނުލިބުމާއި އަމިއްލަ ފައިސާ ބޭނުން ނުކުރެވުން އަދި ފައިސާ ނަގަން ލިމިޓު އޮތުން ފަދަ ކަންކަން ހިމެނޭ ކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅު ކޯލިޝަނުން ބީއެމްއެލްގެ ވެރިންނާ ބައްދަލުކުރަން ނިންމީ އެމްއެމްއޭގެ ގަވަރުނަރާ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލު ކުރެއްވުމަށް ފަހު އުފެދުނު ކަންބޮޑުތަކުގެ ސަބަބުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރެއްވި ފަހުން ރާއްޖޭގެ މާލީ ހާލަތާ ދޭތެރޭގައި އޮތް ކަންބޮޑުވުން ވަނީ އިތުރު ވެފައި ކަމަށެވެ. އަދި ބީއެމްއެލްއަށް ވަޑައިގަންނަވަން ޖެހުނީ އެކައުންޓްތަކުގައި ހުންނަ އަމިއްލަ މީހުންގެ ފައިސާ ނަގާއިރު ވަކި ލިމިޓެއް އޮތުމާއި އެކައުންޓްތަކުގައި ހުންނަ ފައިސާ ގެއްލުމުގެ މައްސަލަތަކެއް އުޅޭތީ ކަމަށެވެ.
ބީއެމްއެލްގެ ވެރިންނާ ބައްދަލު ނުވުމުގެ ސަބަބުން އިދިކޮޅުން ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ޕީއެސްއެމް ހިންގާ އޮފީހަށް ވެސް މިއަދު ވަނީ ގޮސްފައެވެ.
އިދިކޮޅުން ބުނީ ޕީއެސްއެސް އަށް މިހާރު ޕްރޮގުރާމެއް ވެސް ނެހެދޭ ކަމަށާއި ޕްރޮގުރާމު ހަދަން ފައިސާ ނެތް ކަމަށް މުވައްޒަފުން ބުނަމުން ދާ ކަމަށާއި މުވައްޒަފުންނާމެދު އިހާނެތިކޮށް ކަންތައް ކުރަމުގެ އިތުރުން މުވައްޒަފުންނަށް އޯޓީ ވެސް ނުލިބޭ ކަމަށެވެ.
އިދިކޮޅުން ޕީއެސްއެމްއަށް ދިއުމުން އެތަނުގެ ވެރިން "ފިލައިގެން ގޮސްފައި" ވާ ކަމަށް އިދިކޮޅުން ބުނެއެވެ. ނަމަވެސް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުގައި މާދަމާ ވެސް ޕީއެސްއެސް އަށް ދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އިދިކޮޅުގެ މި 2 ކަންބޮޑުވުމާ ގުޅޭ ގޮތުން ބޭންކާއި ޕީއެސް އެމްގެ ކޮމެންޓެއް އަދި ލިބިފައެއް ނުވެއެވެ.