ގަތަރު ފީފާ ވޯލްޑްކަޕް 2022 ނިމުމަކާ ގާތްވާ އިރު މިރޭ މުބާރާތުގެ ތިން ވަނަ ހޮވާ މެޗު ކުޅޭނެއެވެ. މިމެޗުގައި ވާދަކުރާނީ ސެމީ ފައިނަލްގެ ދެ މެޗުން ބަލިވި ކްރޮއޭޝިއާ އަދި މޮރޮކޯއެވެ. ބޮޑެތި ޓީމުތައް ބަލިކޮށް ސެމީއާ ހިސާބަށް އައި މި ދެޓީމަކީ މުބާރާތުގެ އެއް ގްރޫޕެއްގައި ހިމެނުނު ދެ ޓީމެވެ. އަދި ދެ ޓީމުން ސެމީއަށް ކުރި ދަތުރު ފެށި ވެސް އެކު އެކީގައި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުންނެވެ. 0-0 އިން މިމެޗު ނިމުނު އިރު ގަތަރު 2022 ގައި އެންމެ ގިނަ ބައެއްގެ ތައުރީފާ ހިތްވަރު ލިބުނު މި ދެ ޓީމަށް އެކުއެކީގައި މުބާރާތް ނިންމާލަން ވެސް ލިބޭނެއެވެ.
ކްރޮއޭޝިއާއިން އަނެއްކާވެސް ހިތްވަރު ދައްކާނެ
ދެވަނަ ބުރާއި ކުއާޓާ ފައިނަލްގައި ދެ ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކޮށްގެން ސެމީއާ ހިސާބަށް ދިޔަ ކްރޮއޭޝިއާ 3-0 އިން އާޖެންޓީނާ އަތުން ބަލިވުން ވީ ވަރަށް ހިތި ނަތީޖާއަކަށެވެ. ސެމީގެ މެޗުގެ ބޮޑުބައި ކްރޮއޭޝިއާ ޓީމުން ކޮންޓްރޯލް ކުރި އިރު އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޓީމުގައި ރަނގަޅު ތަޖުރިބާކާރު ސްޓްރައިކަރެއް ނެތުމެވެ. އެހެން ކަމުން ޓީމުން އުފެއްދި ހަމަލާތައް ނިންމާލާނެ ކުޅުންތެރިއަކު ދަނޑު މަތީގައި ނެތް އިރު އެރޭގެ މެޗުގައި އާޖެންޓީނާގެ ގޯލަށް މާ ނުރައްކާ ވެސް ނުކުރެވުނެވެ.
އެހެން ކަމުން ކްރޮއޭޝިއާއިން ދެން ވިސްނާނީ ކުރިއަށެވެ. އަދި ޖެހިގެން އަންނަ ވޯލްޑްކަޕަށް ރަނގަޅު ފޯވަޑް ލައިނެއް އުފެއްދޭތޯ ބަލާނެ އިރު މިރޭގެ މެޗަކީ ޓީމުގައި މިހާރު ތިބި ތަޖުރިބާކާރު ގިނަ ކުޅުންތެރިން ވޯލްޑްކަޕެއްގައި ކުޅޭނެ އެންމެ ފަހު މެޗަށްވާނެއެވެ. މީގެ ތެރޭގައި ލޫކާ މޮޑްރިޗް، އިވާން ޕެރަސިޗް އަދި ޑެޔާން ލޮވްރެން ހިމެނެއެވެ. އެހެން ކަމުން ފޯވަޑުން އިތުރު މިފަދަ ހުނަރުވެރި ކުޅުންތެރިންގެ ބަދަލުގައި ވެސް ކުޅުންތެރިން އުފައްދަން ޖެހޭނެއެވެ.
މޮރޮކޯގެ ހުވަފެނީ ދަތުރުގެ ނިމުން މިރޭ
މޮރޮކޯ މިރޭ މޮޅުވިއަސް ބަލިވިއަސް ޓީމުގެ ކުޅުންތެރިން އަނބުރާ ގައުމަށް ދާނީ އެތަށް މިލިއަން ބައެއްގެ ލޯތްބާއި އިހްތިރާމާއެކުއެވެ. ޔޫރަޕްގެ ބޮޑެތި ޓީމުތައް ބަލިކޮށް ސެމީއަށް ދިޔަ މޮރޮކޯ ފްރާންސް އަތުން ބަލިވީ ވެސް މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދުމަށް ފަހުއެވެ. މޮރޮކޯ ޓީމުގައި ވެސް ޖެހުނު އެންމެ ބޮޑު މައްސަލައަކީ ގޯލަށް ޝޫޓްކުރާނެ ތަޖުރިބާކާރު ކުޅުންތެރިން ނެތުމެވެ.
މޮރޮކޯއިން މިރޭ ނިކުންނާނީ މުބާރާތުގެ ތިން ވަނަ ކަށަވަރު ކުރަން އަޒުމު ކަނޑައަޅައިގެން ކަމަށްވާ އިރު މިކަން ވެސް ވާނީ ތާރީހީ ކާމިޔާބީއަކަށެވެ. މޮރޮކޯގެ ކުރިން އެފްރިކާގެ އެއްވެސް ޓީމެއް ސެމީއާ ހިސާބަށް ދަތުރުކޮށްފައި ނުވާ އިރު މޮރޮކޯއިން ދެން ހޯދާ ކޮންމެ ކާމިޔާބީއެއް ވެސް ތާރީހުގެ ސަފްހާތަކުގައި ލިޔެވިގެންދާނެއެވެ.
ފީފާ ވޯލްޑްކަޕް މުބާރާތުގެ ތިން ވަނަ ހޮވާ މެޗު އޮންނާނީ މިރޭ ރާއްޖޭ ގަޑިން 8 ޖަހާ އިރުއެވެ.
މޮރޮކޯ ފްރާންސް މެޗުން މޮރޮކޯ ބަލިވީ އެ ޓީމަށް ނުކުޅެވިގެން ނޫންކަން ހަމަ އެންމެންނަށް ވެސް އެނގޭނެއެވެ. އަދި މޮރޮކޯ ކުޅުނީ ދިފާޢީ ކުޅުމެއްވެސް ނޫނެވެ. އެހެނަސް ނަތީޖާ ކޮންމެ ގޮތަކަށް ވެސް ބަދަލުވެދާނެކަމަށްވާތީ މިފަހަރު ފްރާންސް މޮޅުވީއެވެ. ނާކާމިޔާބީއަކީ ކާމިޔާބީ ގެ ތަޅުދަނޑި އެވެ.