މިދިޔަ ހޮނިހިރު ދުވަހު ހދ. ނޮޅިވަރަމް ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ، އަބޫބަކުރު ފައިސަލް ފުލުހުންގެ ބަންދެއްގައި ވަނިކޮށް ދަންޖެހިގެން މަރުވާން އުޅުމަކީ ތަހުގީގީ އިދާރާތައް ފެއިލްވެފައިވާ ކަމުގެ ހެއްކެތް ކަމަށް އެމްއެންޕީއިން ބުނެފިއެވެ.
އެމްއެންޕީއިން ބުނީ އެ ފަދަ އަމަލެއް ހިންގޭތީ މުއައްސަސާތައް ދޯހަޅިވެ ޒިންމާނެގުމުގެ ގާބިލިއްޔަތުކަން ނެތުމުން ކަމަށް ދެކޭ ކަމަށާޢި ދައުލަތުން އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގައި މިފަދަ ފޫގޮސްފައިވާ ކަންކަން ހުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
މިއީ ޝައްކެއްވެސް ނެތް ގޮތުގައި މިފަދަ ހައްސާސް މައްސަލަތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތައް ފެއިލްވެފައިވާ ކަމުގެ ހެއްކެއްކަން ޔަގީން ކަމަށް އެ ޕާޓީއިން ފާހަގަކުރެއެވެ.
އެމްއެންޕީއިން އިތުރަށް ބުނީ ގެވެށި އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމާއި މުއައްސަސާތަކުގެ ހައްޔަރުގައި ތިބޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މިއަށްވުރެ ހަރުދަނާ އުސޫލުތަކެއް އެކަށައަޅާ މިފަދަ މައްސަލަތައް ތަކުރާރު ނުވާނެފަދަ ގޮތަކަށް މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.