ގަތަރުގައި ކުރިއަށް ދާ ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ފްރާންސް އާއި މޮރޮކޯ ބައްދަލު ކުރި މެޗު ނިމުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފްރާންސްގައި ހިނގި ހާދިސާއެއްގައި 14 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައި ވަނީ މެޗް ނިމުމާއެކު ސަޕޯޓަރުން މަގުތަކަށް ނުކުމެ ކުރިއަށް ގެންދިޔަ ހިނގާލުމެއްގެ ތެރެއަށް ވަން ކާރެއްގެ ޑްރައިވަރު ޕެނިކްގެ ރޭސް ދީ އަނބުރާލި ވަގުތު އެތާ ހުރި 14 އަހަރުގެ ކުއްޖެއްގެ ގައިގައި ޖެހިގެންނެވެ.
ކާރުގެ ޑްރައިވަރު ހާސްވެ ރޭސް ދީ އަނބުރާލައި އެތަނުން ދާން އުޅުމުގެ ތެރޭގައި އެ ކުއްޖާގެ ގައިގައި ޖެހި ކާރު ދިޔައީ އޭނާގެ ގައިމަތިން ކަމަށާއި އެއާއެކު މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފްރާންސްގެ ހަބަރުތައް ބުނެއެވެ. އެ ކުއްޖާއަކީ އެގައުމުގައި ދިރިއުޅޭ މޮރޮކޯ ދަރިކޮޅުގެ ކުއްޖެއް ކަމަށާއި އޭނާ އެވަގުތު ހުރީ މޮރޮކޯގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު އެ ހިނގާލުމުގައި ކަމަށް ހަބަރު ލިބެއެވެ.
ކާރު ސަޕޯޓަރުންގެ ތެރެއަށް ވަނުމުން، ބައެއް ސަޕޯޓަރުން ކާރު ވަށާލައި އޭގެ މައްޗަށްވެސް އެރި ކަމަށާއި އޭގައި އެވަގުތު ޖަހާފައި ހުރި ފްރާންސްގެ ދިދަ އަތުލި ވަގުތު، ޑްރައިވަރު ހާސްވީ ކަމަށް ވެސް ބުނެއެވެ.
މި ކާރުގެ ޑްރައިވަރު ވަނީ ކައިރި ހިސާބަކަށް ކާރު ދޫކޮށްލައި ފިލާފައި ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ފްރާންސް އާއި މޮރޮކޯ އަކީ، ބެލްޖިއަމް އާއި މޮރޮކޯ އާ ދެމެދު އޮންނަ ފަދަ ނުތަނަވަސްކަމެއް އޮންނަ ދެގައުމެވެ. ކުޅިވަރުގައިވެސް މި ވާދަވެރިކަން އުފެދި ދެފަރާތުގެ ދެމެދުގައި ހަމަނުޖެހުން ހިނގައެވެ. ފްރާންސްގައި ވަޒަންވެރިވެގެން 1.5 މިލިއަން މޮރޮކޯގެ ރައްޔިތުން އުޅޭ އިރު ރޭގެ މެޗަށް ފަހު ދެފަރާތުގެ ސަޕޯޓަރުންގެ ދެމެދުގައި ވެސް ހަމަނުޖެހުން ވަނީ ހިނގާފައެވެ. އެގޮތުން ކާރުތަކާއި ވެހިކަލް ތަކުގައި ރޯކޮށް ހަދާފައި ވީ ނަމަވެސް އިތުރު މީހެއްގެ ފުރާތަމައަށް ގެއްލުމެއް ނުވެއެވެ.
މި ހަމަނުޖެހުމުގައި އެއް ބަޔަކު އަނެއް ބަޔަކަށް ފަޓާސް ރޯކޮށް އުކާ ހަދާފައި ވެއެވެ. ހަވާ އެރުވުމާ އެކު އުފާފާޅުކުރުންވެސް ކުރިއަށް ދިޔައެވެ.