"ފެލާލައިފި" ނަމުގައި އިދިކޮޅު ޕީޕީއެމުން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 8:30 ގައި ކާނިވަލް ސަރަހައްދުގައެވެ.

ޖަލްސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ "ފެލާލައިފި"ގެ ނަމުގައި މި ޖަލްސާ ބާއްވަން ނިންމީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދަާ، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލާ، ހިދުމަތްތަކުގެ އަގު ބޮޑުވެ، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުން "ފެލަމުންދާތީ" އެކަންކަމަށް އަޑުއުފުލުމުގެ ގޮތުން ކަމަށެވެ.

މި ނަން ހާއްސަވާ ބައިވަރު ސަބަބުތައް އެބަހުރި. އެންމެހާ ބޭފުޅުންނަށް ވެސް އެނގޭނެ، މި ސަރުކާރަކީ ރައްޔިތުން ފެލައިގެން ވެރިކަންކުރާ ސަރުކާރެއް. ޑޮލަރުގެ އަގު ބޮޑުވެއްޖެ، އެއްޗެހީގެ އަގު ބޮޑުވެއްޖެ. އަންނަ ޖެނުއަރީން ފެށިގެން ރައްޔިތުން އަތުން ޓެކްސްވެސް ނަގާނެ
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު

ޕީޕީއެމް އިން ވަނީ ސަރުކާރާ މެދު ހިތްހަމަނުޖެހޭ ވީހާވެސް ގިނަ ބަޔަކު މިޖަލްސާގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.

މިއީ ގިނަ ދުވަސްތަކަކަށްފަހު މާލޭގައި ޕީޕީއެމުން ބާއްވާ މިފަދަ ފުރަތަމަ ބޮޑު ޖަލްސާއެވެ.