ގަތަރު 2022 ވޯލްޑްކަޕްގެ ފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ. އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ފައިނަލަށް ދިޔައީ މިރޭ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މޮރޮކޯ 2-0 އިން ބަލިކޮށްގެންނެވެ.
މުޅި މެޗަށް ބަލާ އިރު ގިނަ ހަމަލާތައް އުފައްދާ ރީތި ކުޅުމެއް ދެއްކީ މޮރޮކޯއިންނެވެ. އެހެން ނަމަވެސް މެޗުގެ ލީޑު ނެގީ ފްރާންސުންނެވެ. މިމެޗުގެ ކުރިން މޮރޮކޯއިން ކުޅުނު ހުރިހާ މެޗެއްގައި އެޓީމުގެ ކޮޅަށް އެންމެ ލަނޑެއް ވަދަފައިވާ އިރު ފްރާންސުން ވަނީ މެޗުގެ ފުރަތަމަ 5 ވަނަ މިނެޓްގައި ލަނޑެއް ޖަހާފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޑިފެންޑަރު ތިއޯ ހަނާންޑޭޒްއެވެ. މިއާއެކު އޭނާ ވީ މިމުބާރާތުގައި މޮރޮކޯގެ ކޮޅަށް ލަނޑެއް ޖެހި ފުރަތަމަ އިދިކޮޅު ކުޅުންތެރިޔާއަށެވެ.
ފްރާންސްގެ ލަނޑަށް ފަހު މޮރޮކޯގެ ފަރާތުން ހަލުވި އަދި މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު ނުރައްކާތެރި ހަމަލާތައް ވެސް އެޓީމުން އުފެއްދިއެވެ. މިގޮތުން މޮރޮކޯއަށް ލިބުނު ކޯނަރެއްގައި ޑިފެންޑަރު ޔަމީކް ފޮނުވާލި އޯވާހެޑް ކިކް ގޯލަށް އަމާޒުވި އިރު އެ ޝޮޓް ލަނޑަކަށް ނުވެ ސަލާމަތްވީ ދަނޑީގައި ޖެހުމުންނެވެ.
0-1 އިން ފްރާންސް ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްގައި މުޅިހެން ކުޅުނީ މޮރޮކޯއިންނެވެ. އަދި އެޓީމުން ގިނަ ހަމަލާތައް އުފެއްދި ނަމަވެސް މޮރޮކޯގެ ކުޅުންތެރިންނަށް ހަމަލާތައް ނިންމަން ނޭނގޭ ތަން ފެނިގެން ދިޔައެވެ. ނަތީޖާއަކަށް ވީ ކުޅުމުގެ އޮއިވަރާ ހިލާފަށް ފްރާންސްއިން އުފެއްދި ހަމަލާއެއްގައި ލަނޑެއް ޖަހާ ނަތީޖާ ކަށަވަރު ކުރުމެވެ.
މިލަނޑު އުފެއްދުމުގައި ކިލިއަން މަމްބާޕޭ މުހިންމު ރޯލެއް އަދާ ކުރި އިރު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ އޭނގެ ކުޑަ އިރުކޮޅެއް ކުރިން ކުޅެން ނިކުތް ކާލޯ މުއާނީއެވެ.
މެޗު ނިމުނީ މި ސްކޯގައި އޮވެ ފްރާންސް މޮޅުވެގެންނެވެ. އަންނަ އާދިއްތަ ދުވަހު މުބާރާތުގެ ފައިނަލް މެޗު ކުޅޭ އިރު ފައިނަލްގައި ފްރާންސް ވާދަ ކުރާނީ އާޖެންޓީނާއެވެ. މިމެޗު އޮންނާނީ ރާއްޖޭ ގަޑިން ރޭގަނޑު 8 ޖަހާ އިރެވެ.
މިމެޗުގެ ކުރިން މުބާރާތުގެ ތިން ވަނަ ހޮވާ މެޗު ހޮނިހިރު ދުވަހު ކުޅޭނެއެވެ. މިމެޗުގައި ވާދަކުރާނީ މިރޭގެ މެޗުން ބަލިވި މޮރޮކޯއާ ސެމީގެ ފުރަތަމަ މެޗުން ބަލިވި ކްރޮއޭޝިޔާއެވެ.