މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ކަށަވަރުވެއްޖެއެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު މެންދުރު 2 ޖެހުމުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އެމްއެންޕީން ބުނީ ވަގުތު ހަމަވިއިރު އެމްއެންޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ހަމައެކަނި ނާޒިމް އެކަނި ކަމަށެވެ. އެހެންކަމުން ނާޒިމަށް މިހާރު ވަނީ ރިޔާސީ ޓިކެޓް ކަށަވަރުވެފައެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ އެމްއެންޕީން އަންނަނީ ރިޔާސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތާއި ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެ ޕާޓީން ބުނެއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރީތައްވަމުން އަންނަ އިރު، ރިޔާސީ ޓިކެޓް މިހާތަނަށް ކަށަވަރުވި ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އާއި ޑީއާރްޕީގެ ފަރާތުން އެޕާޓީގެ ލީޑަރު އަބުދުﷲ ޖާބިރު އަދި އެމްޑީއޭގެ ފަރާތުން އަހުމަދު ސިޔާމް މުހައްމަދު ހިމެނެއެވެ.

2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ 2 ވަނަ ދައުރެއް ޔަގީން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވާ އިރު، އެމަނިކުފާނު ވެސް އެމްޑީޕީގެ ޕްރިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅާ ޕްރައިމަރީ ބާއްވާ ތާރީހެއް އެ ޕާޓީއިން އަދި ނުނިންމައެވެ.