ޑިގްރީ އިން ހޯމް އިކޮނިޮމިކްސް ކިޔަވަން ކޮލެޖަށް ވަންތާ 71 އަހަރު ފަހުން ޑިގްރީ ހާސިލް ވެއްޖެއެވެ.

ޖޮއިސް ޑިފޯ ނަމަކަށް ކިޔާ އުމުރުން 90 އަހަރުގެ މި އަންހެން މީހާ ބެޗެލާސް ޑިގްރީ ހާސިލް ކޮށްފައި ވަނީ އެެމެރިކާގައި ހުންނަ ނޮޮދާން އިލިނޮއިސް ޔުނިވާސިޓީއިންނެވެ. 1951 ވަނަ އަހަރު ޑިޕްލޮމާ ހަދައި ނިމުނު އިރު ޖޮއިސް ނިންމީ ކިޔެވުން ދުވަސްކޮޅަކަށް މެދުކަނޑާލުމަށެވެ. ކިޔެވުން މެދުކަނޑާލައިގެން އުޅުނު ދުވަސްކޮޅު ފިރިހެނަކު ފެނިގެން އޭނާ ދެކެ ލޯބިވުމާއެކު ކިޔެވުން އެއްކައިރި ކުރުމަށް ފަހު ކައިވެނިކުރަން ޖޮއިސް ނިންމިއެވެ.

1955 ގައި ޖޮއިސް ކައިވެނި ކުރި އިރު އެ ކައިވެންޏަށް އޭނާ އަށް ވަނީ ތިން ކުދިން ލިބިފައެވެ. ފިރިމީހާ މަރުވުމުން އޭގެ ފަސް އަހަރުފަހުން އިތުރު ކައިވެންޏެއް ކޮށް އެ ކައިވެންޏަށް އޭނާ އަށް ވަނީ ހަ ދަރިން ލިބިފައެވެ. ނަމަވެސް އެކައިވެނި ވެސް ނިމުމަކަށް އައީ އޭނާގެ ފިރިމީހާ މަރުވުމުންނެވެ. އަހަރުތައް ފާއިތުވެގެން ދިޔައިރު ޖޮއިސްގެ އާއިލާ ބޮޑުވެގެން ގޮސް މިހާރު އޭނާ އަށް މާމަ ކިޔާ 17 ކުދިންނާއި މުނިމާމަ ކިޔާ 24 ކުދިން އެބަތިއްބެވެ.

ކޮލެޖަށް ދިޔުން މެދުކަނޑައިލިތާ އެތައް ދުވަހެއް ފަހުން 2019 ވަނަ އަހަރު ޖޮއިސް ކޮލެޖަށް ދާން ނިންމީ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. އާއިލާގެ ހިއްވަރާ އެހީތެރިކަމާ އެކު ހަމަ އެއަހަރު ޖޮއިސް ވަނީ ޑިގްރީ ހާސިލް ކުރުމަށް ކޮލެޖާ ގުޅިފައެވެ.

"ދަރިން ގާތު އަބަދުވެސް އަހަރެން ދައްކަން އަހަރެން ޑިގްރީ ބޭނުންވާ ވާހަކަ. އެވާހަކަ ދެއްކީމަ ކުދިން އެކަމަށް ބާރުއަޅައިގެން އަހަރެން ކޮލެޖަށް ފޮނުވީ،"

ޖޮއިސް ބުނީ ވޭތުވެދިޔަ ތިން އަހަރަކީ ބުރަ އަހަރެއް ކަމަށާއި ނުކިޔަވާ ހުއްޓާލާނީ އޭ ކިތަންމެ ދުވަހަކުވެސް ހިތަށް އެރި ކމަށާއި ކުރިއަށްދާން ހިއްވަރު ލިބުނީ ހާސިލްނުވެ އޮތް އުންމީދުންނާއި ކުދިންގެ ހިއްވަރުން ކަމަށެވެ.