މަހުޖަނު އަދި މައިކްރޮސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސް، އޭނާގެ ކައިވެނީގެ މުއްދަތުގައި ސިއްރު ގުޅުންތަކެއް ބޭއްވި ތިން އަންހެނެއްގެ ނަން އާންމުކޮށް ހާމަކޮށްފިއެވެ.
މުނިފޫހިފިލުވުމާއި މަޝްހޫރު ފަރާތްތަކުގެ ހަބަރުތައް ގެނެސްދޭ އެމެރިކާގެ "ޕީޕަލް" މެގަޒިންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގޭޓްސް ވަނީ އޭނާގެ ކުރީގެ އަންހެނުން މެލިންޑާ ފްރެންޗް ގޭޓްސްއާ އެކު ކައިވެނިކޮށްގެން ހުރި ދުވަސްވަރު ކައިވެނިން ބޭރުގައި ހިންގި ކަމަށް ބުނާ ގުޅުންތަކުގެ ތަފުސީލުތަކެއް ދީފައެވެ. މި ރިޕޯޓުގައިވާ ގޮތުން، ގޭޓްސް ވަނީ އޭނާގެ ހަޔާތުގެ އެކި ހިސާބުތަކުގައި ގުޅުން ބޭއްވި ތިން މީހެއްގެ ނަން ހާމަކޮށްފައެވެ. ނަމަވެސް މި ތިން އަންހެނުންނާ ގުޅޭ އިތުރު ތަފުސީލުތަކެއް އަދި މި ގުޅުންތައް ހިނގީ ކޮން ދުވަސްވަރެއްގައި ކަމެއް އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.
ބިލް ގޭޓްސް އާއި މެލިންޑާގެ 27 އަހަރުވީ ކައިވެނި ރޫޅުނުކަން އިއުލާނުކުރީ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ ދުވަސްވަރުވެސް ގޭޓްސްގެ މައްޗަށް ވަނީ މައިކްރޮސޮފްޓްގެ މުވައްޒަފުންނާއެކު ނަހަމަ ގުޅުންތަކެއް ބޭއްވި ކަމުގެ ތުހުމަތުތަކެއް ކުރެވިފައެވެ. އަދި މީގެ 20 އަހަރު ކުރިން ކުންފުނީގެ މުވައްޒަފަކާއެކު ގުޅުމެއް ބޭއްވި ކަމަށް ގޭޓްސްގެ ތަރުޖަމާނަކު މީގެ ކުރިން ވަނީ ބުނެފައެވެ. އޭގެ ފަހުން، މައިކްރޮސޮފްޓްގެ ބޯޑުން ވަނީ މިފަދަ މައްސަލަތަކެއް ތަހުގީގު ކޮށްފައެވެ.
މިފަހަރުގެ މިއީ، ކައިވެނި ރޫޅުމަށްފަހު އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ގޭޓްސް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ކުރީގައި ގިނަ އަހަރުތަކެއް ވަންދެން އޮތް ގޭޓްސްގެ މި އަމަލުތަކުގެ ސަބަބުން އޭނާގެ އާންމު ތަސައްވުރަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. މިކަމާ ގުޅިގެން މެލިންޑާ ފްރެންޗް ގޭޓްސްގެ ފަރާތުން އަދި އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
