ގަތަރުގައި މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗުތަކާ ފައިނަލް މެޗުގައި ބޭނުން ކުރާނީ މުބާރާތުގައި ކުރިން ބޭނުން ކުރި ބޯޅައާ ތަފާތު މުޅިން އާ ބޯޅައެއް ކަމަށް ފީފާއިން ބުނެފައެވެ.

ފީފާއިން ބުނީ މުބާރާތުގެ މިހާތަނަށް ބޭނުން ކުރި 'އަލް ރިހްލާ' ގެ ބަދަލުގައި ކުރިއަށް އޮތް ހަތަރު މެޗު ބޭނުން ކުރާނީ 'އަލް ހިލްމް' ނަމަކަށް ކިޔާ ބޯޅައެއް ކަމަށެވެ. އަރަބި ބަހުން 'އަލް ރިހްލާ'ގެ މާނައަކީ ދަތުރެވެ. އަދި 'އަލް ހިލްމް' ގެ މާނައަކީ ހުވަފެނެވެ.

ގަތަރު 2022 ގައި ބޭނުން ކުރާ ބޯޅަ އުފެއްދި އެޑިޑާސް ކުންފުނިން ބުނީ 'އަލް-ހިލްމް' ބޯޅައިގައި ވެސް 'އަހް ރިހްލާ' ބޯޅައެކޭ އެއްް ގޮތަށް ކަނެކްޓެޑް ބޯލް ޓެކްނޮލޮޖީ ބޭނުންކޮށްފައިވާނެ ކަމަށާ މި ޓެކްނޮލޮޖީގެ އެހީގައި މެޗުގެ އޮފިޝަލުންނަށް އެކި އެކި ނިންމުންތައް ނިންމަން ފަސޭހަވާނެ ކަމަށެވެ.

އަލް-ހިލްމް ބޯޅަ ވޯލްޑްކަޕް ތައްޓާއެކު/ފޮޓޯ: ޓުވިޓާ

މިގޮތުން، ބޯޅައިގައިވާ ޓެކްނޮލޮޖީގެ އެހީގައި މެޗުގެ ވީޑިއޯ އޮފިޝަލުންނަށް ވަގުތުން މުހިންމު ޑާޓާތައް ފޮނުވާނެ ކަމަށާ މިގޮތުން މި ޑާޓާގެ އެހީގައި އޮފްސައިޑާ ގުޅޭ ނިންމުންތައް ނިންމުމުގައި އެހީވާނެ ކަމަށް ވެސް އެޑިޑާސްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ބޯޅައިގައި ޖަހާ ކުޅުންތެރިންގެ ޑާޓާއާ ގޯލަށް ޖަހާ ޝޯޓްތަކުގެ ސްޕީޑްއާ ބޯޅަ އެނބުރޭ ވަރު ވެސް މިޓެކްނޮލޮޖީގެ އަލީގައި ބެލެއެވެ.

އެޑިޑޭސްއިން އިތުރަށް ބުނީ 'އަލް-ހިލްމް' ބޯޅައަކީ ތިމާވެއްޓާއި ރައްޓެހި މައްދާތަކުން އުފައްދާފައިވާ ބޯޅައެއް ކަމަށެވެ.