ހޮރުމޫޒް ކަނޑުއޮޅީގައި އޮންނަ 3 ރަށެއްގެ މިލްކުވެރިކަމާއި، އީރާނުގެ ނިއުކްލިއާ ޕްރްރާމާއި ސަރަހައްދީ ބައެއް ކަންކަމަށް އިޝާރާތް ކޮށް، ހިމަނާފައި ހުރި މާއްދާތަކެއް އޮވެ، ޖީސީސީގެ ގައުމުތަކާއެކު ޗައިނާއިން ސޮއި ކުރި އެއްބަސްވުމެއްގެ މައްސަލައިގައި އީރާނުގައި ހުންނަވާ ޗައިނާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރު ކޮށްފިއެވެ.

1971 އިން ފެށިގެން އީރާނުން ބާރު ހިންގި 3 ރަށެއް ހޮރުމޫޒު ކަނޑުއޮޅީގައި އޮތް އިރު އެ 3 ރަށަށް މިހާރު ބާރު ފޯރުވަނީ ޔޫއޭއީންނެވެ. ނަމަވެސް އީރާނުން ބުނަނީ ކާބަފައިންގެ ޒަމާނުންސުރެ އެއީ އީރާނުގެ ތަންތަން ކަމަށާއި އީރާނުގެ އިހުތިސޯސް ހިނގާ ސަރަހައްދެއްގައި އޮތް ތަނަކަށް އެހެން ބަޔަކު ބާރުފޯރުވާ، އަމިއްލަ ކުރަން ތާއީދު ކޮށް ޖީސީސީގެ ގައުމުތަކާއެކު ޗައިނާއިން އެއްބަސް ވަނީ ކަމަށާއި އެއީ ބަލައިގަނެވޭ ކަމެއް ނޫންނެވެ.

މީގެ އިތުރުން ސަރަހައްދީ ހަމަޖެހުން ގެއްލޭ ކަންކަން އީރާނުުން ކުރާ ކަމާއި، އީރާނުން ތަރައްގީ ކުރާ ނިއުކްލިއާ ޕްރޮގްރާމަކީ މަދަނީ ބޭނުންތަކުގައި ކުރިއަށް ގެންދާ ސުލްހަވެރި ޕްރޮގްރާމެއް ކަން ޔަގީން ކުރަން ބާރު އަޅާ ވާހަކަވެސް އެ އެގްރީމަންޓުގައި އޮތް ކަމަށް އީރާނުން ބުނެއެވެ.

އީރަނުގައި ހުންނަވާ ޗައިނާ އެމްބެސެޑަރު ފޮރިން މިނިސްޓްރީ އަށް ހާޒިރު ކުރި އިރު، އީރާނުން ބޭނުން ކުރި ބަހަކީ ސަފީރު "ވަޑައިގަތީ" ކަމަށެވެ.

ބައިނަލްއަގުވާމީ ގުޅުންތަކުގައި އެއްގަމު އަނެއް ގައުމާ ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެ ނަމަ އެ ގައުމެއްގައި ހުންނަވާ ގުޅުން ހުރި ގައުމެއްގެ އެންމެ އިސް މަންދޫބަކު ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރުމަކީ ކުރާ ކަމެކެވެ. ނަމަވެސް އެކި ގައުމުތަކުން ސިޔާސީ ބޭނުންތަކުގައި "ހާޒިރު ކުރީ" ކަމަށް ނުބުނު، މައުލޫމާތު އޮޅުން ފިލުވުން، ބައްދަލު ކޮށްލުން، އަދި ވަޑައިގަތުން ފަދަ އިބާރާތްތައް ބޭނުން ކުރެއެވެ.

މި މައްސަލައިގައި އީރާނުން އިތުރަށް ބުނީ، އެ އެއްބަސް ވުމުގައި ސޮއި ކުރުމުން ލިބުނީ ސަޕްރައިޒް އެއް ކަމަށެވެ. އީރާނުގެ ހާރިޖިއްޔާގެ ނައިބު މުހައްމަދު ޖަމްޝީދީ ފާރިސީ ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމެރިކާ އާއި ސައުދީން އައިސިސް އާއި އަލްގައިދާ އަށް މަދަދު ދީ ސީރިއާ އާއި ޔަމަން ހަލާކު ކޮށްލި އިރު، ޓެރަރިސްޓުންނާ ހަނގުރާމަ ކޮށް ސަހަރައްދަށް ސުލްހަ މަސަލަސްކަން ގެނައި ބަޔަކީ އީރާން ކަން ޗައިނާ ދަންނަން ޖެހޭނެ ކަމަށެވެ.

މި ކަމުގައި ޗައިނާއިން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، ޗައިނާ އާއި އީރާނަކީ ދެގައުމު ގުޅިގެން ގިނަ ދާއިރާތަކުން ކުރިއަށް ދާން 25 އަހަރު ދުވަހަށް އެއްބަސްވުމެއް ހަދައިގެން ތިބި 2 ގައުމެވެ. މިދިޔަ އަހަރު ހެދި މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދުގައި ކުރިއަށް ގެންދަން އެއްބަސްވި ކަންކަން ފެށިފައި ވާ އިރު އީރާނުން ޗައިނާގެ ސަފީރު ހާޒިރު ކުރުމުން މަސްރަހަށް އަންނާނެ ބަދަލެއް އަދި ސާފެއް ނުވެއެވެ.