ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕް މުބާރާތުގައި ނެދެލޭންޑްސް އަދި އާޖެންޓީނާ ވާދަ ކުރި މެޗު ކަވަރުކުރަން ސްޓޭޑިއަމްގައި ހުރި އެމެރިކާގެ ނޫސްވެރިއަކު މަރުވެއްޖެއެވެ.
އުމުރުން 48 އަހަރުގެ ގްރޭންޓް ވޯލް މަރުވީ މެޗުގެ އިތުރު ވަގުތުގެ ކުޅުން ފެށިތަނާހެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށާ އެހެން ނަމަވެސް މިކަން އަދި ކަށަވަރު ނުވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
ދާދި ފަހުން ވޯލް މަޝްހޫރުވެފައިވަނީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން ބޭނުންކުރާ ވިއްސާރަ ދުނީގެ ލޯގޯ ޖަހާފައިވާ ޓީޝާޓެއް ލައިގެން ގަތަރު ވޯލްޑްކަޕް މެޗެއް ބެލުމަށް ސްޓޭޑިއަމް ވަންނަން މަސައްކަތް ކުރުމުން އޭނާ ހައްޔަރުކުރުމާއެކުއެވެ. މުސްލިމް ގައުމެއްގައި ބާއްވާ ފުރަތަމަ މި ވޯލްޑްކަޕްގެ މެޗުތައް ހިނގަމުންދާ އިރު މިފަދަ ލޯގޯތައް ބޭނުން ނުކުރުމަށް ފީފާއިން ވަނީ އަންގާފައެވެ.
ވޯލް މަރުވެފައި މިވަނީ އޭނާގެ 48 ވަނަ އުފަން ދުވަސް ފާހަގަކުރިތާ އެއް ދުވަސް ފަހުންނެވެ. މިދިޔަ ހޯމަދުވަހު ވޯލް އޭނާގެ ވެބްސައިޓްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވޭތުވެދިޔަ ދެ ހަފްތާއެއް ހާ ދުވަހު ވަރަށް ބަލިކޮށް އުޅުނު ކަމަށާ ނޭވާލާ ނިޒާމުގެ ބައްޔެއް ޖެހި އެންޓިބަޔޯޓިކްސް ކާން ފަށާފައިވާ ކަމަށެވެ.