ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ދިޔަ ދެވަނަ ޓީމަކަށް އާޖެންޓީނާ ވެއްޖެއެވެ. އާޖެންޓީނާ ސެމީއަށް ދިޔައީ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ނެދެލޭންޑްސް ބަލިކޮށްގެންނެވެ. މެޗު ޕެނަލްޓީ އަށް ދިޔައީ ނުވަ ދިހަ މިނެޓްގެ ކުޅުން ހަމަވީ އިރު 2-2 ގެ ސްކޯ އޮތުމުން އިތުރު 30 މިނެޓް ކުޅެފައެވެ.
އާޖެންޓިނާއާ ނެދެލޭންޑްސް ކުޅުނު މިމެޗަކީ މިމުބާރާތުގައި އެންމެ ގިނަ ކުޅުންތެރިންނަށް ކާޑު ދެއްކި އެއް މެޗެވެ. މިގޮތުން ޖުމްލަ 15 ރީދޫ ކާޑު ދެއްކި އިރު އާޖެންޓިނާއަށް 8 ކާޑު އަދި ނެދެލޭންޑްސްއަށް 7 ކާޑު ދެއްކިއެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާޖެންޓީނާއިންނެވެ. މިގޮތުން މެޗުގެ 35 ވަނަ މިނެޓްގައި ކެޕްޓަން ލައިނަލް މެސީ ދިން ރީތި ޕާހަކުން މިލަނޑު ޖަހާ ދިނީ އާޖެންޓިނާގެ ޑިފެންޑަރު މޮލީނާއެވެ.
ފުރަތަމަ ހާފްގައި ނެދެލޭންޑްސްއަށް މާ ރަނގަޅަށް ކުޅެވިފައި ނުވާ އިރު ހާފް ނިމުނީ އާޖެންޓީނާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފްގައި ވެސް ނެދެލޭންޑްސްއަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އިރު މެޗުގެ 73 ވަނަ މިނެޓްގައި އާޖެންޓީނާއިން ލަނޑެއް ޖަހާ ލީޑު ފުޅާ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ލިބުނު ޕެނަލްޓީއަކުން މެސީއެވެ.
މިލަނޑަށް ފަހު އާޖެންޓީނާއިން މެޗު ނިންމާލައިގެން ތިއްބާ ނެދެލޭންޑްސްއިން ގެނައި ބަދަލުތަކުގެ ބޭނުން ހިފާ އެޓީމުން ދެ ލަނޑު ޖެހިއެވެ. މި ދެ ލަނޑު ވެސް އެޓީމުން ކާމިޔާބު ކުރީ މެޗުގެ 83 ވަނަ މިނެޓްގެ ފަހުން ކަމަށް ވީ އިރު ދެ ލަނޑު ވެސް ޖެހީ ވައުޓް ވެގްހައުސްޓެވެ. ވެގްހައުސްޓްގެ ދެވަނަ ލަނޑަކީ މެޗުގެ 90 މިނެޓް ހަމަވެ ދިން 10 މިނެޓްގެ އިތުރު ވަގުތުގެ ފަހު މިނެޓްގައި ލިބުނު ހިލޭ ޖެހުމަކީ ގޯލަށް ވައްދާލި ރީތި ލަނޑެކެވެ.
މިއަށް ފަހު ދެ ޓީމުން 15 މިނެޓްގެ ދެ ހާފް ކުޅުނު އިރު މެޗުން މޮޅުވާން ދެ ޓީމަށް އަދި ހާއްސަކޮށް އާޖެންޓީނާއަށް ލިބުނެވެ. އެހެން ނަމަވެސް 120 މިނެޓަށް ފަހު ވެސް ސްކޯ އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖެހި އިރު އާޖެންޓީނާ މެޗު ކާމިޔާބީ ކުރީ 4-3 އިންނެވެ. މިގޮތުން، ނެދެލޭންޑްސްގެ ފުރަތަމަ ދެ ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އެމީ މާޓީނޭޒް ސޭވް ކުރި އިރު އާޖެންޓީނާގެ އެއް ޕެނަލްޓީ ބޭރަށް ޖެހިއެވެ.
މި މެޗުން މޮޅުވި އާޖެންޓީނާ ސެމީގައި ކުޅެން ޖެހޭނީ މިރޭގެ ފުރަތަމަ މެޗުގައި ބްރެޒިލް ކަޓުވާލި ކްރޮއޭޝިޔާއާއެވެ.