ގަތަރު ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލްއަށް ކްރޮއޭޝިޔާ ދަތުރުކޮށްފިއެވެ. ކްރޮއޭޝިޔާ ސެމީއަށް ދިޔައީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ބްރެޒިލްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-2 އިން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްގެންނެވެ.
މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވީ އިރު ދެޓީމަށް ވެސް ލަނޑެއް ނުޖެހެއެވެ. ބްރެޒިލް އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ކްރޮއޭޝިޔާއިން ކުޅެމުން ދިޔައީ ޑިފެންސިވް ކުޅުމެކެވެ.
ސްކޯ ސުމެއް ސުމެއްގައި އޮތުމުން މެޗުގެ ނަތީޖާ ނެރުމަށްޓަކައި އިތުރު 30 މިނެޓް ކުޅެން ޖެހުނެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފްގައި ބްރެޒިލް އިން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ހުނަރުވެރި ފޯވަޑް ނޭމާއެވެ. މިއީ މިމުބާރާތުގައި ނޭމާ ބްރެޒިލްއަށް ޖަހާ ދިން ދެވަނަ ލަނޑެވެ.
ނޭމާ ލަނޑު ޖަހާފައިވަނީ މެޗުގެ 106 ވަނަ މިނެޓްގައެވެ. މިއީ އޭނާ ބްރެޒިލް އަށް ޖަހާ ދިން 77 ވަނަ ލަނޑަށް ވީ އިރު ނޭމާ މިވަނީ ބްރެޒިލްއަށް އެންމެ ގިނަ ލަނޑު ޖަހާ ދިން ފިރިހެން ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައަށް އަރާފައެވެ. މިއާއެކު ނޭމާ މިވަނީ ޕެލޭގެ ގޯލް ރެކޯޑާ އެއްވަރުވެފައެވެ.
ނަމަވެސް އޭނގެ ދެތިން މިނެޓް ފަހުން ކްރޮއޭޝިޔާ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-1 އަށް ހެދިއެވެ. އިތުރު ވަގުތުގެ 30 މިނެޓްގެ ކުޅުން ނިމުނު އިރު ނަތީޖާއެއް ބަދަލެއް ނާންނާތީ ދެން ޖަހަން ޖެހުނީ ޕެނަލްޓީއެވެ.
ޕެނަލްޓީ ޖަހައިގެން ޖަޕާނު ބަލިކޮށް ކުއާޓާއަށް އައި ކްރޮއޭޝިޔާ ވަނީ ޝުޓް އައުޓްގައި 4 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ބްރެޒިލްއަށް ޖެހުނީ އެންމެ 2 ޕެނަލްޓީއެވެ.
ސެމީ ފައިނަލްގައި ކްރޮއޭޝިޔާ ކުޅެން ޖެހޭނީ މިރޭ އާޖެންޓީނާއާއި ނެދާލޭންޑްސް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.