ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ވޯލްޑް ބޭންކާ ގުޅުމަށްފަހު ރާއްޖޭގެ ކުރިއެރުމަށް ވޯލްޑް ބޭންކުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވޯލްޑް ބޭންކުގެ ލަފައާ އެއްގޮތަށް އިގްތިސޯދީ ގޮތުން ރާއްޖެއިން އެޅި ފިޔަވަޅުތަކަށް އަލިއަޅުވާލައްވާފައެވެ.

އެ ބައްދަލުވުމުގައި ވޯލްޑްބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް ދެއްކެވި ވާހަކައިގައި ވަނީ، ރާއްޖެއާ ވޯލްޑްބޭންކާ ދެމެދު އޮތް ބިނާކުރަނިވި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިގްތިސޯދީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަރުކާރުން ނިންމެވީ އުނދަގޫ އެހެން ނަމަވެސް ރަނގަޅު ނިންމެވުންތަކެއް ކަން ފާހަގަކުރައްވައި އެކަންކަމަށް އޭނާ ތައުރީފު ކުރެއްވިއެވެ. އަދި އެ ނިންމެވުންތަކުގެ ރަނގަޅު ނަތީޖާތައް ފެނިގެންދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސޯދު އާރާސްތުކޮށް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ވޯލްޑް ބޭންކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށް މާޓިން ރައިސާ ވިދާޅުވިއެވެ. މީގެ އިތުރުން ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކްގެ މައްޗަށް އަލިއަޅުވާލައްވައި އެ ފްރޭމްވޯކްގައި މައިގަނޑު އަމާޒު ހިފާފައިވާ ތިން ދާއިރާއަކީ އިގްތިސޯދީ ވިލުންތެރި ކަމާއި އިގްތިސޯދު ކުރިއެރުވުމަށް އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުކަން މާޓިން ރައިސާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ކުރިމަގުގައިވެސް ދެފަރާތުގެ ދެމެދު އެއްބާރުން އިތުރުކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.