ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ މޮރޮކޯއިން ސްޕެއިންގެ މައްޗަށް ހޯދި ކާމިޔާބީއަކީ ތާރީހީ ކާމިޔާބީއެކެވެ. މޮރޮކޯގެ ތާރީހުގައި ވެސް އެގައުމުން ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ އިރު މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ވެސް އިދިކޮޅު ޓީމަކަށް މޮރޮކޯގެ ޑިފެންސް ފޫއަޅުވާލެވިފައެއް ނުވެއެވެ. މޮރޮކޯގެ ކޮޅަށް މިހާތަނަށް ވެސް ވަނީ އެޓީމުން ބައިކޮޅަށް ޖެހި ލަނޑަކަށްވީ އިރު ރޭގެ މެޗުގައި ފެނުނު ޕެނަލްޓީ ޝޫޓް އައުޓްގައި ވެސް ސްޕެއިންއަށް މޮރޮކޯގެ ގޯލަށް ބޯޅަ ވައްދާލެވިފައެއް ނުވެއެވެ.

މުބާރާތުގައި އޮތް ހަމައެކަނި އެފްރިކާ އަދި މުސްލިމް ގައުމުގެ ގޮތުން މޮރޮކޯއަށް އެތަށް މިލިއަން ބައެއްގެ ލޯބި ލިބެމުންދާ އިރު ކޮންމެ މެޗެއްގެ ފަހުން އެޓީމުގެ ފަރާތުން ފެންނަ އަމަލުތަކަށް ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. މިގޮތުން، ލިބޭ ކާމިޔާބީއަށް ފަހު ޓީމު އެއްކޮށް ޝުކުރުގެ ސަޖިދަ ކުރުމާ އުފާފާޅުކުރާ އިރު ފަލަސްތީނުގެ ދިދަ ބޭނުން ކުރުން ފާހަގަކުރުން ހިމެނެއެވެ.

މޮރޮކޯގެ ކުޅުންތެރިން ޝުކުރުގެ ސަޖިދަ ކުރަނީ/ފޮޓޯ: ޓުވިޓާ

މީގެ އިތުރުން ވެސް މޮރޮކޯ ކުޅުންތެރިންގެ ފަރާތުން ފެންނަ އަނެއް ފާހަގަކޮށްލެވޭ ކަމަކީ އުފާފާޅުކުރުންތަކުގައި ކުޅުންތެރިންގެ އާއިލާތައް ބައިވެރިކުރާތަނެވެ.

މޮރޮކޯގެ ކުޅުންތެރިންގެ ކާމިޔާބީ ބަލަން އާއިލާތައް ތިބުމަކީ އިއްތިފާގެއް ނޫން

ވޯލްޑްކަޕް މުބާރާތްތަކުގައި ކުޅުންތެރިންގެ އަނބިދަރިން ފެނުމަކީ އާ ކަމެއް ނޫނެވެ. މޮރޮކޯއިން މިކަމުގައި ތަފާތުކޮށް ކުރި ކަމަކީ ގައުމީ ސްކޮޑްގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކު ވެސް ގަތަރަށް ގެންދަން ބޭނުންވާ އާއިލާ މެމްބަރުންތަކެއް އިހްތިޔާރު ކުރުމަށް ފުރުސަތު ދިނުމެވެ. މި މެމްބަރުންގެ ދަތުރުގެ ހަރަދުތައް ޓީމުން ބަލަހައްޓާ އިރު މިކަމަކީ ކޯޗު ވަލީދު އަދި މޮރޮކޯގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ބާރު އެޅިކަމެކެވެ. ގައުމީ ޓީމުގެ ކޯޗު ކަމާ ހަވާލުވެ ވަލީދު ދެއްކި ފުރަތަމަ ވާހަކައިގައި ވެސް ކުޅުންތެރިންގެ އާއިލާތަކަށް ޓީމުން އިސްކަން ދޭނެކަން ފާހަގަކޮށް އޭނާ ބުނީ މައިންބަފައިންގެ އުފަލާ ނުލާ ޓީމަށް ކާމިޔާބީއެއް ނެތް ކަމަށެވެ.

ހަކީމީގެ މަންމަ އޭނާއަށް ބޮސްދެނީ/ފޮޓޯ: ޓުވިޓާ

ގިނަ ކުޅުންތެރިން އެމީހުންގެ މައިންބަފައިން ގަތަރަށް ގެންދިޔަ އިރު ގަތަރުގައި މޮރޮކޯ ޓީމުން ތިބޭ ދޯހާ ވެސްޓް ބޭ ހޮޓަލް ބައެއް ފަހަރު ހީވަނީ ކުޅުންތެރިންގެ މަންމަން ހިންގާ ކޭމްޕެއް ހެނެވެ. ކުޅުންތެރިންނާއެކު ކޯޗު ވަލީދު އޭނާގެ މަންމަ ފާތިމާ ވެސް ގަތަރަށް ގެންދިޔަ އިރު އޭނާ ބުނީ މިއީ ހަޔާތުގައި އެއް ފަހަރު ލިބޭނެ ފަދަ ފުރުސަތެއް ކަމަށެވެ.

ފާތިމާ ބުނީ ވަލީދު ކުޅުން އިރު ވެސް އަދި ކޯޗު ކަން ކުރި ވެސް ދުވަހަކު ވެސް އޭނާގެ މެޗެއް ބަލަން ރަށުން ބޭރަށް ނުދާ ކަމަށެވެ. އޭނާ ބުނީ ފްރާންސްގެ ޕެރިހުގައި އުޅޭތާ 50 އަހަރު ވެދާނެ ކަމަށާއި މިއީ މުބާރާތެއް ބެލުމަށް ޕެރިހުން ބޭރަށް އޭނާ ދަތުރުކުރި ފުރަތަމަ ފަހަރު ކަމަށެވެ.

މޮރޮކޯ ޓީމުގައި ދުނިޔޭގެ ބޮޑެތި ކްލަބްތަކަށް ކުޅޭ ނަން މަޝްހޫރު ކުޅުންތެރިން ވެސް ހިމެނޭ އިރު ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ވެސް އަމިއްލަ ދަރިންގެ ގޮތުގައި ކުޅުންތެރިންގެ މައިންބަފައިންގެ ސިފަކުރެއެވެ. އަދި ހުރިހާ 'ކުދިން'ގެ މަސައްކަތާ މެދު ފަހްރުވެރިވާ ކަމަށް ވެސް އެމީހުން ބުނެއެވެ.

މެޗަށް ފަހު ކުޅުންތެރިންގެ މިސްރާބު އާއިލާތަކާ ދިމާލަށް

މޮރޮކޯ ޓީމާއި ކުޅުންތެރިންގެ އާއިލާތަކަށް ލޯބި ލިބިފައިވާ އަނެއް ސަބަބަކީ ދަނޑުގައި ސަޕޯޓަރުންނާއި އެކު މެޗު ބަލަން ގިނަ ފަހަރަށް ތިބޭ ތިބުމެވެ. ކުޅުންތެރިންގެ އާއިލާތަކަށް ހަދާފައި ހުންނަ ފިނި ކޮޓަރިތަކުގެ ބަދަލުގައި ދަނޑުގެ ކައިރިން މޮރޮކޯ ކުޅުންތެރިންގެ އާއިލާތައް ފެނުމަކީ ތަފާތު މަންޒަރެކެވެ. ކޮންމެ މެޗަކަށް ފަހު ކުޅުންތެރިންގެ ހަރަކާތްތަކަށް އެތަށް ކެމެރާތަކެއް އަމާޒުވެފައި ހުންނަ އިރު މޮރޮކޯގެ މެޗުތަކަށް ފަހު ކުޅުންތެރިން އެމީހުންގެ އާއިލާތަކާ ދިމާލަށް ގޮސް އެމީހުންނާއި އެކު އުފާ ފާޅުކުރާ މަންޒަރުން މުޅި ދުނިޔެ ރޮއްވާލައިފިއެވެ.

ރޭގެ މެޗަށް ފަހު ވެސް މި މަންޒަރުތައް ސޯޝަލް މީޑިއާގައި ފެންނަމުންދާ އިރު ވޯލްޑްކަޕްގެ ކުއާޓާއަށް ފުރަތަމަ ފަހަރަށް މޮރޮކޯ ގެންގޮސްދިން ކޯޗު ވަލީދު އޭނާގެ މަންމައާ ދިމާލަށް ދާ މަންޒަރަކީ ވެސް ޖަޒުބާތީ މަންޒަރެކެވެ.

މޮރޮކޯގެ 14 ކުޅުންތެރިންނަކީ އެގައުމަށް އުފަން ކުޅުންތެރިންނެއް ނޫން

ބަވަނަވެފައިވާ ދުނިޔެއެއްގައި ކުޅުންތެރިން އުފަންވާ ގައުމު ނޫން ގައުމެއް ތަމްސީލުކުރުމަކީ މިހާރު އާންމުކަމެކެވެ. ގަތަރު 2022 ގައި ކުޅުނު 137 ކުޅުންތެރިންނަކީ އުފަންވީ ގައުމު ނޫން ގައުމަކަށް ކުޅުނު ކުޅުންތެރިންނެވެ. މޮރޮކޯގެ 26 ސްކޮޑްގައި ހިމެނޭ 14 ކުޅުންތެރިންނަކީ ވެސް ޔޫރަޕްގެ ބޮޑެތި ގައުމުތަކަށް އުފަންވި ނަމަވެސް މޮރޮކޯއަށް ކުޅެން ބޭނުންވެގެން ގައުމީ ޓީމު ތަމްސީލުކުރާ ކުޅުންތެރިންނެވެ. މީގެ ތެރޭގައި ބެލްޖިއަމް، ޕޯޗުގަލް، ފްރާންސް އަދި ސްޕެއިންގެ ކުޅުންތެރިން ހިމެނޭ އިރު ރޭ ސްޕެއިން ކަޓުވާލީ ޕެނަލްޓީ ޖަހާ ދިން އަޝްރަފް ހަކީމީ އުފަންވެ ބޮޑުވެގެން އައި ސްޕެއިންގެ ވެރިރަށް މެޑްރިޑްގައެވެ. މަޝްހޫރު ރިއަލްމެޑްރިޑްގެ އެކަޑަމީން އަޝްރަފީ ތަމްރީނުވީ އިރު މޮރޮކޯގެ ކީޕަރު ބޯނޯއަކީ ސްޕެއިންގެ ސެވިއްޔާގެ ކީޕަރެވެ.

މޮރޮކޯގެ ފަހު ޕެނަލްޓީ ޖަހާ ދިން ހަކީމީ/ފޮޓޯ: ފްރާންސް 24

ޔޫރަޕްގެ ގައުމުތަކާ ގުޅުން ހުރި ކުޅުންތެރިން މޮރޮކޯގައި ގިނަ ނަމަވެސް މިއީ ވެސް ޓީމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ކުޅުންތެރިންގެ އާއިލާތަކުން ބުނެއެވެ. އެއީ މޮރޮކޯއަށް ވުރެ މި ބުނާ ގައުމުތަކުގައި ތިބި އެޓީމަށް ސަޕޯޓްކުރާ މީހުން ގިނަ ވާނެތީއެވެ.

މޮރޮކޯގެ ސަޕޯޓަރުން ކޮންމެ މެޗެއްގައި ވެސް އެހާ ފޯރި ނަގާ/ފޮޓޯ: ފީފާ

މިކަން މިހާތަނަށް މޮރޮކޯއިން މުބާރާތުގައި ކުޅެފައިވާ މެޗުތަކަށް ވަދެ ތިބި ސަޕޯޓްކޮށް ހަދާ މީހުންގެ އަދަދަށް ބެލުމުން ވެސް އެނގެއެވެ. ގަތަރުގައި ވެސް މޮރޮކޯގެ 15 ހާސް މީހުން އުޅޭ އިރު ދުނިޔޭގެ އެތަށް ގައުމެއްގައި ކުޅޭ މޮރޮކޯގެ ސަޕޯޓަރުން ވެސް ވަނީ ގަތަރަށް ގޮސްފައެވެ.