އިމާރާތްކުރުމުގެ ސިނާއަތުގައި އެންމެ ނުފޫޒު ގަދަ އެއް ފެއާ ކަމަށްވާ "ބިގް 5" ގައި އެސްޓީއޯއިން ބައިވެރިވެއްޖެއެވެ.

އެސްޓީއޯ މޯލްޑިވްސްގެ ނަމުގައި މި ފެއާގައި ގާއިމް ކޮށްފައިވާ ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ، ހިލަ ހިލަވެލި، ދަގަނޑު އަދި ދަގަނޑު ހޮޅި ދައްކާލާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން ފަތި ހޮޅި އަދި ޕްލައިވުޑާއި، ޝަޓަރިން ފިލާގެ އިތުރުން އެސްޓީއޯ ސިމެންތި ވެސް މި ފެއާގައި ދައްކާލާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، އެކުންފުނިން މި ފެއާގައި އެގްޒިބިޓަރެއްގެ ގޮތުގައި ބައިވެރިވުމުގެ މަގްސަދަކީ އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރަށް ފުޅާކުރުމުގެ ފުރުސަތު ފަހިކުރުމަށް ކަމަށެވެ.

މިއަދު ފެށި މި ފެއާ ކުރިއަށްދަނީ މިމަހު 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑުބާއީގައި ކުރިޔަށްދާ މި ފެއާގައި ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމަކުން އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެއެވެ. އަދި 150 އަވުރެ ގިނަ ގައުމުން ފެއާގައި ބައިވެރިވެއެވެ.