ދިވެހި ގައުމު ހިމާޔަތްކުރާނީ ހުރިހައި މާނައެއްގައިވެސް މިނިވަންކަން ކަށަވަރުކުރުމަށް ކަމަށާއި އޭގެ ތެރޭގައި އިގްތިސާދީ މިނިވަންކަމާއި އަސްކަރީ މިނިވަންކަންވެސް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް، މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ސިފައިންނަށް ހޯދައިދޭ ކޮންމެ ކުރިއެރުމަކާ މެދު ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަހުރުވެރިވާން ވާނޭކަމަށެވެ. އަދި ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި، ސިފައިންނަށް ހޯދައިދޭންޖެހޭ ވަސީލަތްތައް ހޯދައިދިނުމާއި، ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި، ސިފައިންގެ ބާރު އިތުރުކުރުމަކީ ފަހުރުވެރި ވާންޖެހޭނެ ކަންކަންކަމަށެވެ.
ގައުމީ ދިފައީ ބާރު ވަރުގަދަކުރުމަށްޓަކައި ކުރެވޭ ކޮންމެ ގައުމީ މަސައްކަތަކީ މި މިނިވަން މުސްތަގިއްލު ގައުމުގެ ހިމާޔަތާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި، އަދި އެ މިނިވަންކަން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަހުރުވެރިކަމާއެކީ ކުރަންޖެހޭ މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަމާ މަލާމާތްކުރާ މީހުންނަކީ، ގަމިއްޔަތުކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ އަދި ސިޔާސީ ގޮތުންގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަވާ ވިސްނުމުގެ މީހުން ކަމުގައި އެމަނިކުފާނު ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވިއެވެ. އެ ވިސްނުމުން ގައުމު ސަލާމަތްކުރުމަކީ ގައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއްކަމަށާއި، މި ގައުމަށް އުފަން، ކޮންމެ ދިވެއްސެއްގެ ހިތުގައި ގައުމީ ލޯބި ހުންނަންޖެހޭނޭކަމަށް ރައީސް ވިދާޅުވިއެވެ.
ނޮވެންބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް، އަދި މިއަދާއި މާދަމާވެސް އެމަނިކުފާނުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވާނީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް، ރައްކާތެރިކޮށް، ކަށަވަރުކަމާއެކީގައި ކުރިއަށްއޮތް ޖީލުތަކަށް ފޯރުކޮށްދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ވާޖިބު އަދާކުރެއްވުމުގައި އެންމެ މުހިންމު ބައިވެރިންނަކީ ދިވެހި ސިފައިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި ރާއްޖެއަކީ ކުޑަ އާބާދީއެއް ކަމުގައި ވީނަމަވެސް، ސަރަހައްދުގެ ގޮތުން ބިޔަ ގައުމެއް ކަމަށާއި، ރާއްޖޭގެ 99 އިންސައްތަ ކަމުގައިވާ ކަނޑުގެ ސަރަހައްދަކީވެސް ދިވެހި ގައުމުގެ ބައެއް ކަން އެމަނިކުފާނު ހަނދުމަފުޅުކޮށް އެރުވިއެވެ. އަދި ރާއްޖޭގައި ހިކިފައި އޮތް ސަރަހައްދަކީ ގައުމުގެ އެކެއް އިންސައްތަ ކަމުގައި ވުމަކީ، މިނިވަންކަމަށް ފަރުވާކުޑަކޮށް ގައުމު ހިމާޔަތް ނުކުރާންވީ ސަބަބެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި އެކްސްކްލޫސިވް އިކޮނޯމިކް ޒޯން (އީއީޒެޑް) ގެ ބޮޑު ބިޔަ ސަރަހައްދު ވަޔާއި ކަނޑާއި އެއްގަމު މަގުން ހިމާޔަތް ނުކުރެވި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި މިހާތަނަށް ހާސިލުކުރެވިފައިވާ ކުރިއެރުންތަކަކީ އަދި ފެށުމެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ދިވެހި ސިޔާދަތީ ބާރުގެ ތެރޭގައި ހިމެނޭ ސަރަހައްދު ހިމާޔަތްކުރުމުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް، ވޭތުވެ ދިޔަ ތަނުގައި ގާއިމުކުރެވިފައި ނުވި ސަބަބާމެދު ސުވާލު އުފައްދަވައި، މާ ދުރު ނޫން މުސްތަގުބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދޭނޭ މަގު ފަހިކުރެއްވުމަށް މަސައްކަތްކޮށްދެއްވުމުގެ އަޒުމުފުޅުގައި ސާބިތުވެ ހުންނެވިކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ދިވެހި އަސްކަރިއްޔާ ހަރުދަނާކުރުމަކީވެސް ސަރުކާރުގެ ވަށާޖެހޭ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ނެޝަނަލް ސާވިސްގެ ހިދުމަތަށް ކުރިމަތިލުމަށް ދާދި އަވަހަށް ހުޅުވާލާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ގައުމީ ދިފާއީ ބާރުން އަލަށް ތައާރަފުކުރެއްވި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ހާސިލުކުރި ފަރާތްތަކަށާއި، ފާއިތުވި އަހަރުގެ އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންނަށް މެޑެލި ހަވާލުކޮށްދެއްވައި، ޕާކިސްތާނު އާމީ ޓީމްސް ސްޕްރިޓް (ޕެޓްސް)ގައި ކާމިޔާބު ހޯދި އަދި އެންމެ ހަށިހެޔޮ ޔުނިޓުގެ ގޮތުގައި ހޮވުނު ޔުނިޓަށް ފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ، އަސާސީ ތަމްރީން ކޯހުގެ ދަސްވެނިން ހުވާކުރުމުން، އެ ސިފައިންނާ ރަމްޒީގޮތުން ބަޑިހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.