މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރަޢީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައެވެ. މިއީ އެމަނިކުފާނު ރާއްޖޭއަށް ވަޑައިގަންނަވާ ބޭއްވެވި ފުރަތަމަ ބައްދަލު ކުރެއްވުމެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ އިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދައުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުގެ އިތުރުން ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ 40 އަހަރު ފަހުން ހަރަމްފުޅުގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ކަމަށެވެ.