ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން، ސީދާ އާންމުންނަށް ކާށި ވިއްކަން ފަށައިފިއެވެ.

އެސްޓިއޯ އިން ބުނީ 2025 ވަނަ އަހަރުގެ ރަމަޟާން މަހަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެސްޓީއޯއިން ވެފައިވާ ހާއްސަ ތައްޔާރީތަކުގެ ދަށުން ބާޒާރުގެ އާންމު ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ. މިހާރު ބާޒާރުގައި ކާށީގެ އަގު ބޮޑުތަނުން މައްޗަށް ގޮސްފައިވާކަން ފާހަގަކޮށް އެސްޓިއޯ އިން ބުނީ ކާއްޓެއްގެ އަގު ހުރީ 40 އާއި 60 ރުފިޔާއާ ދެމެދުގައި ކަމަށެވެ. އަދި މި އަގުތައް މިހެން ހުންނަތާ މިހާރު ހަފްތާއެއްހާ ދުވަސްވެ، އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާއިރު އެސްޓީއޯ މެދުވެރިވެ ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ކާށީގެ ސަޕްލައި ޝޯޓޭޖް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެސްޓިއޯ އިން ބުނީ ބާޒާރުގައި އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް ބާޒާރަށް ނެރެމުން އަންނަކަމަށެވެ. އަދި މީގެ އިތުރުން ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުސަތު މިހާރު ހޯލްސޭލަރުންނަށް ހުޅުވާލާފައިވާކަމަށް ވަނީ ބުނެފައެވެ. މިކަމުގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުންކަމަށްވެސް އެސްޓިއޯ އިން ވަނީ ބުނެފައެވެ.

އެސްޓިއޯ އިން ބުނީ ކާށީގެ ސްޓޮކް ހޯދުމަށް ޝައުގުވެރިވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ނުވަތަ 7291124 އަށް ވައިބާ މެސެޖް ކޮށްގެންވެސް ބުކްކުރެވިދާނެކަމަށެވެ. ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެނެވޭނެކަން ފާހަގަކޮށް އެސްޓިއޯ އިން ބުނީ އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައްވެސް ހަމަޖައްސައިދެވޭނެ ކަމަށެވެ.

މީގެ އިތުރުން އެސްޓިއޯ އިން ބުނީ މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން އަދި ޝިޕްމަންޓް އައުމުންނެވެ. މި ހިދުމަތުގެ މައިގަނޑު މަގްސަދަކީ، ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުންކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން މީގެ ކުރިންވެސް ވަނީ މިފަދަ ދަތި ހާލަތްތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ. މީގެ ތެރޭގައި 2023-2024 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ދިމާވި ފިޔާގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވެދިނުން ފާހަގަކުރެވެއެވެ. މިހާރުގެ އަމާޒަކީ ހޯލްސޭލަރުންނަށް ފަސޭހަކަމާއެކު ކާށި އެތެރެކޮށްދީ، އެކަށީގެންވާ އަގެއްގައި އާންމު ރައްޔިތުންނަށް ކާށި ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ. އެސްޓިއޯ އިން ވަނީ ރާއްޖޭގެ ބާޒާރަށް ދިމާވާ މިފަދަ ކޮންމެ ލޮޅުމެއްގައި އާންމު ވިޔަފާރިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަން ހާމަކޮށްފައެވެ.