ރާއްޖެއަށް ގޭސް އެތެރެ ކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައާއި ގުޅިގެން ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކޮށްފިއެވެ.

މިފަދައިން ބަދަލުކޮށްފައިވަނީ ގޭސް ގަންނަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުމާއެކުއެވެ. މި މައްސަލަ ފެންމަތިވެފައިވާކަން ހާމަކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ.

މިކަމާ ގުޅިގެން ނާޒިމް ވިދާޅުވީ ގޭސް ރާއްޖެއަށް އައިސްފައި ނެތްކަމަށާއި، މިފަދަ ކަންކަން ހިނގަމުންދާތީ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެހެނިހެން ސިޔާސަތުތައް ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ.

މީގެއިތުރުން އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި މިދިޔަ އޮކްޓޫބަރު މަހު ބަދަލު ކޮށްފައިވާކަމަށާއި، މި ބަދަލު ގެނައި ސަބަބުވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އެއާއެކު ނާޒިމް ވިދާޅުވީ ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކުރީ މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

މޯލްޑިވް ގޭހަކީ މީގެ ކުރިންވެސް ކޮރަޕްޝަންގެ އެކި މައްސަލަތައް ފެންމަތިވެފައިވާ ކުންފުންޏަކަށްވާއިރު މިއީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްވެސް މެއެވެ.