ކިންގް ސަލްމާން މިސްކިތުގެ ނަމާދުކުރާ ބައިގައި ހަރުކޮށްފައި ހުރި އޭސީތައް އަންނަ އަހަރު ފެށުމުގެ ކުރިން މަރާމާތުކޮށް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އޭޕްރިލް މަހު ހުޅުވި ސަލްމާން މިސްކިތުގެ އޭސީތަކުން ފިނިނުވާތާ ދެ މަސްދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ނަމާދަށް ހުންނަ ވަގުތުތަކުގައި ހޫނުވާތީ މިސްކިތަށްދާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިސްކިތުގެ އެތެރެ ހޫނުކަމުން އެތަނަކީ "އަވަނެއް"ގެ ގޮތުގައި ވެސް ބައެއް މީހުން ސިފަކޮށްފައިވެއެވެ.

ޖުމްލަ ހަތަރު އޭސީ ޔުނިޓެއް ހަރުކޮށްފައި ހުންނަ ސަލްމާން މިސްކިތުގައި މިހާރު މަސައްކަތްކުރަނީ އެންމެ ޔުނިޓެކެވެ.

ސަލްމާން މިސްކިތުގައި އޭސީ ހަރުކޮށްފައި ވަނީ ބޭރުގެ ކޮންޓްރެކްޓަރުން ލައްވައެވެ. އެހެންވެ ރާއްޖޭން އޭސީތައް މަރާމާތުކުރުމުގެ މަސައްކަތް ނާކާމިޔާބުވުމުން، އެ މިސްކިތުގައި އޭސީ ބެހެއްޓި ބޭރުގެ ކޮންޓްރެކްޓަރުން މިހާރު އައިސް މަސައްކަތްތައް ކުރަމުންދާ ކަމަށް، އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް "ދަ ޕްރެސް" އަށް މިދިޔަ ހަފްތާގައި ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ޒަމްއަތު އަހްމަދު ވަހީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ސަލްމާން މިސްކިތް މަރާމާތުކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، އޭސީތައް މަރާމާތުކުރުމަށްޓަކައި ބޭނުންވާ ސާމާނު މި މަހުގެ 15 ގެ ކުރިން ލިބޭނެ ކަމަށެވެ.

"މުޅި މަސައްކަތް އެއްކޮށް މިމަހު 25 ގެ ކުރިން ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރު މައުލޫމާތުދޭ." ޒަމްއަތު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ އަގުބޮޑު މިސްކިތް ކަމަށްވާ ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އައްސުއޫދުގެ އެހީތެރިކަމާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި މިސްކިތެކެވެ. ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މި މިސްކިތަކީ ޖުމްލަ ހަތަރު ފަންގިފިލާ އެއް ހިމެނޭ ގޮތަށް ޤުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމްތަކެއްގެ އިތުރުން، ޖަލްސާކުރާ މާލަމެއް ހިމެނޭ 41،500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ.