ގަތަރު 2022 ގެ ގަދަ 8 ޓީމުގެ ތެރެއިން 4 ޓީމެއް މިހާރު އެނގިފައިވާ އިރު މިރޭ ކުޅޭ ދެވަނަ ބުރުގެ ދެ މެޗަކުން އިތުރު 2 ޓީމެއް އެނގިގެންދާނެއެވެ. ނެދެލޭންޑްސް، އާޖެންޓީނާ، ފްރާންސް އަދި އިންގްލޭންޑް ގަދަ 8 ގެ ޖާގަ ކަށަވަރުކޮށްފައިވާ އިރު މިރޭ ޖަޕާން، ކްރޮއޭޝިޔާ، ސައުތް ކޮރެއާ އަދި ބްރެޒިލް އަށް ވެސް މިފުރުސަތު އެބައޮތެވެ.
ރޭގަނޑު 8 ޖަހާ އިރު ޖަޕާނު ނިކުންނާނީ އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިޔާ ބަލިކުރަން
ގަތަރު 2022 ގެ ފެނިފައިވާ ހައިރާން ކުރުވަނިވި ނަތީޖާތަކުން ފާހަގަކޮށްލެވޭ ބައެއް ނަތިޖާތައް ކިޔާ ދޭ އިރު ޖަޕާނުގެ ވާހަކަ ނުދައްކާ ވާކަށް ނެތެވެ. މުބާރާތުގެ އެންމެ އުނދަގޫ ގްރޫޕްގައި އޮވެ، ޖާމަނީ އަދި ސްޕެއިން ބަލިކޮށްގެން ދެވަނަ ބުރަށް އައި ޖަޕާނަކީ އެގްރޫޕްގެ އެއްވަނަ ޓީމެވެ. ހަމަ މި ޖަޕާނު ކޮސްޓާރީކާ އަތުން 1-0 އިން ބަލިވުމަކީ ވެސް އެހާމެ ހައިރާން ކުރުވަނިވި ނަތީޖާއެކެވެ.
މުބާރާތުގައި ޖަޕާނުގެ ފަރާތުން ފެނިފައިވާ ކުޅުމަށް ބަލާ އިރު އެޓީމުން މެޗުތަކުގެ ފުރަތަމަ ހާފްގައި އިދިކޮޅު ޓީމު ކުޅުނަ ދީގެން ތިބޭތަން ފާހަގަވާނެއެވެ. އެއަށް ފަހު ދެވަނަ ހާފްގައި ގަދައަށް ކުޅެލާ އިރު ބަދަލު ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅަށް ހިފާފައިވާ ޓީމަކީ ވެސް ޖަޕާނެވެ. ޖަޕާނުގެ މި އުކުޅުތަކުގެ ނަތީޖާތަކަކީ މުބާރާތުގައި އެޓީމުން މޮޅުވި ދެ މެޗުގައި ވެސް ކާމިޔާބީ ހޯދާފައިވަނީ ފަހަތުން އަރާ ފުލުފުލުގައި ލަނޑު ޖަހައިގެންނެވެ. ކްރޮއޭޝިޔާ ފަދަ ދުވަސްވީ ކުޅުންތެރިން ގިނަ ޓިމަކާ ދެކޮޅަށް ވެސް މި އުކުޅު ބޭނުން ކުރެވިދާނެ އިރު ބަދަލުގައި ކްރޮއޭޝިޔާއިން ތަޖުރިބާގެ ބޭނުން ހިފާނެއެވެ.
2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލަށް ދަތުރުކުރި ކްރޮއޭޝިޔާއަށް ގަތަރު 2022 ގައި އަދި މާ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިގޮތުން ކުޅުނު ތިން މެޗުން އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ދެ މެޗުން ވީ އެއްވަރެވެ. އެހެން ނަމަވެސް 4-1 އިން ކެނެޑާ ބަލިކުރި މެޗުގައި ކްރޮއޭޝިޔާއިން ފެންވަރު ދައްކާލިއެވެ. ޖަޕާނާ ދެކޮޅަށް ނިކުންނަ އިރު ލޫކާ މޮޑްރިޗް އަދި އިވާން ޕެރަސިޗް ފަދަ ކުޅުންތެރިންގެ ހުނަރާ ތަޖުރިބާ ކްރޮއޭޝީޔާއަަށް މުހިންމުވާނެއެވެ.
ދަންވަރު 12 ޖަހާ އިރު ބްރެޒިލް އާއި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސައުތްކޮރެއާގެ ކުރިމަތިލުމެއް
ގަތަރު 2022 އަކީ މަޝްހޫރު ޓީމުތަކުގެ ބަދަލުގައި އެބުނާ 'އާދައިގެ' ޓީމުތައް ފަލަ ސުރުހީތަކުން ޖާހަ ހޯދާ މުބާރާތެކެވެ. މިފަދަ އެއް ޓީމަކީ ސައުތް ކޮރެއާއެވެ. ފަހު ވަގުތު ޕޯޗުގަލް ބަލިކޮށް ދެވަނަ ބުރަށް ދިޔަ ސައުތްކޮރެއާއަށް އެގައުމުގެ ސަޕޯޓަރުން ނޫން އެތަށް ބައެއްގެ ލޯބި މިހާރު ލިބިފައިވާ އިރު މިރޭގެ މެޗުގައި ސައުތް ކޮރެއާއަށް އޮތް ލޯބި ފެނިގެންދާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ބްރެޒިލް ކައިރީ މޮޅުވުމަށް ގޯލު ކުރިމަތީން ލިބޭ ފުރުސަތުތައް ނިންމާލަން ސައުތް ކޮރެއާ ދަސްކުރަން ޖެހެއެވެ. ބްރެޒިލްގައި އޮތީ މުބާރާތުގެ ވެސް އެންމެ ވަރުގަދަ އެއް ޑިފެންސެވެ. މިގޮތުން، ކުޅުނު ތިން މެޗުގައި ވެސް ބްރެޒިލްގެ ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.
މި އަހަރުގެ ވޯލްޑްކަޕް ގެންދާނެ ކަމަށް އެންމެ ގިނަ ބަޔަކު ބުނާ ބްރެޒިލްއަށް ވެސް މުބާރާތުގައި މާ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ތެދެކެވެ. ވަކި ވަކި ކުޅުންތެރިންގެ ހުނަރުތައް ވަނީ ވިދާލާފައެވެ. އެހެން ނަމަވެސް ޓީމެއްގެ ސިފައިގައި ބްރެޒިލްގެ ފަރާތުން ބަލާ ހިތްވާ ކަހަލަ ކުޅުމެއް އަދި ނުފެނެއެވެ.
ބްރެޒިލްގެ ޓީމަށާއި ސަޕޯޓަރުންނަށް މިރޭ ލިބޭ އެންމެ ބޮޑު ހިތް ހަމަޖެހުމަކަށްވާނީ ފޯވަޑް ނޭއިމާ އަނެއްކާ ދަނޑު މަތިން ފެނުމެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޖަރީވި ނެއިމާއަށް މިރޭގެ މެޗަށް އެރޭނެ ކަން ކޯޗު ޓިޓޭ ވަނީ ކަށަވަރުކޮށްދީފައެވެ.