ގަތަރުގައި މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕްގެ ކުއާޓާގައި އިންގްލޭންޑާއި ފްރާންސް ކުޅެން ޖެހިއްޖެއެވެ.
މި ދެޓީމު ކުއާާޓާގައި ވާދަކުރަން ޖެހުނީ ދެވަނަ ބުރުގެ ހަތަރު ވަނަ މެޗުގައި މިރޭ ސެނެގާލްއާ ދެކޮޅަށް ކުޅޭ 3-0 އިން އިންގްލެންޑް މެޗު ކާމިޔާބުކުރުމުންނެވެ. އޭނގެ ކުރިން ފްރާންސް އާއި ޕޮލެންޑް ކުޅުނު މެޗު ފްރާންސް ވަނީ 3-1 އިން ކާމިޔާބުކޮށްފައެވެ.
ސެނެގާލްއާ އިންގްލޭންޑް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާނެ ފުރުސަތު ލިބުނީ ސެނެގާލްއަށެވެ. އެހެން ނަމަވެސް އިންގްލޭންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑްގެ ފުރިހަމަ ސޭވެއް ފެނިގެން ދިޔަ އިރު މެޗުގެ 38 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގީ އިންގްލެންޑުންނެވެ. 19 އަހަރުގެ ޖޫޑް ބެލިންގްހަމް ނަގައި ދިން ހުރަސް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު ޖަހާ ދިނީ އިންގްލެންޑްގެ ވައިސް ކެޕްޓަން އަދި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑާސަންއެވެ.
މެޗުގައި ދެން ވެސް ލަނޑު ޖެހީ އިނގިރޭސީންނެވެ. ފުރިހަމަ ކައުންޓާ އެޓޭކަކުން އުފެއްދި މި ފުރުސަތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްކޯ 2-0 އަށް ހެދީ ކެޕްޓަން ހެރީ ކޭންއެވެ. މިއީ ކޭން މިމުބާރާތުގައި ޖެހި ފުރަތަމަ ލަނޑެވެ.
ދެވަނަ ހާފް ފަށައިގެން އައި ތަނާހެން އިންގްލޭންޑުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ކަށަވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ފޯވަޑް ބަކަޔޯ ސާކާއެވެ. މިއީ ސާކާ މިމުބާރާތުގައި ޖެހި 3 ވަނަ ލަނޑެވެ.
މި ސްކޯލައިނާއެކު މެޗު ނިމުނު އިރު އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ އިންގްލޭންޑް ވާދަކުރާ މެޗުން މޮޅުވާ ޓީމެއް ސެމީއަށް ދާނެއެވެ.