ގަތަރުގައި މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ ދަނޑުމަތީގައި ކުޅުމުގެ ބޭރުންނާއި ކުޅުމުގެ ތެރެއިން ހިނގާ ކަންކަން އެންމެ ރަނގަޅަށް ފެންނަމުންދާ އެއް މުބާރާތެވެ. މިގޮތުން ރޮނާލްޑޯ ސޯޓުން ނަގާ ކާލި 'މެޓަލާ'، އުރުގުއާއިގެ އެޑިންސަން ކަވާނީ ރުޅި އައިސްގެން ވީއޭއާރް މޮނިޓަރުގައި ޖަހާ މަންޒަރު މީ ހައްތާވެސް މެޗުގެ ވަގުތުގެ ބޭރުން ހިނގި ކަންކަމެވެ.

މި ފަހަރު މިއޮތީ މެޗުގެ ތެރެއިން ހިނގި ކަމެކެވެ. ދެވަނަ ބުރުގައި ރޭ ފްރާންސް އަދި ޕޮލެންޑް ކުޅުން މެޗުގެ 41 ވަނަ މިނެޓްގައި ފްރާންސަށް ލިބުނު އެއް ލުމެއް ނަގަން ހުއްޓުނު ޑިފެންޑަރު ޖޫލްސް ކުންޑޭ އަށް ރެފްރީ އިޝާރާތްކޮށްލާތަން ފެނުނެވެ.

ދެން ފެނުނީ ފްރާންސްގެ ބެންޗުން ސްޓާފެއް ކުންޑޭގެ ކަރުގައި އޮތް ދެ ފަށެއް ބާލަން މަސައްކަތް ކުރާ ތަނެވެ. މިނެޓެއް ވަރު މިކަމަށް ހޭދަވީ އިރު މެޗުގެ ކުޅުން ވެސް މިކަމަށް ހުއްޓަން ޖެހުނެވެ.

ފްރާންސްގެ ކޫންޑޭ އަޅައިގެން ހުރި ފަށްތައް ބާލަދެނީ/ފޮޓޯ: ޓުވިޓާ

މެޗުގެ 40 މިނެޓް އެކުޅުންތެރިޔާ އަޅައިގެން ހުރި ފަށެއް ކުއްލި އަކަށް ބާލަން ޖެހުނީ އެއީ ފުޓްބޯޅައިގެން ގަވައިދާ ހިލާފު ކަމަކަށްވާތީއެވެ. މިގޮތުން ގަވައިދު ބުނާ ގޮތުން ސަލާމަތާ ރައްކާތެރި ކަމަށްޓަކައި އެއްވެސް ބާވަތެއް ގަހަނާއެއް (ފަށް، އަނގޮއްޓި، ތަނޑި، ކަންފަތުގައި ލާ އެއްޗެހި، ރަބަރު ބޭންޑް، ލެދާ ބޭންޑް، އަދި މި ނޫން ވެސް އެއްޗެހި) އެޅުން ކުޅުންތެރިންނަށް މަނާވާނެއެވެ. އަދި މި ފަދަ އެއްޗެހި އަޅައިގެން އޭނގެ މަތިން ޓޭޕް އަޅައިގެން ދަނޑަށް ނިކުތުން ވެސް ކުޅުންތެރިންނަށް މަނާއެވެ.

ފަރަންސޭސި ކުޅުންތެރިޔާ އަށް ފަށެއް އަޅައިގެން ދަނޑަށް އެރުނު ސަބަބެއް ވެސް އޮންނަން ވާނެ ނޫން ހެއްޔެވެ. އެއީ ފުރަތަމަ ނިކުންނަ 22 ކުޅުންތެރިންނާއި ބަދަލުގައި އަރުވާ ކުޅުންތެރިންގެ ގައިގައި މިފަދަ އެއްވެސް ގަހަނާއެއް ވޭތޯ ބެލުމަކީ މެޗުގެ އޮފިޝަލުންގެ ޒިންމާއެކެވެ. އަދި އެފަދަ ގަހަނާއެއް އަޅައިގެން ހުންނަ ކުޅުންތެރިއަކަށް އެއް އެއްޗެއް ބޭލުމަށް އަމުރުކޮށް އެކަން ނުކޮށްފިނަމަ ކާޑު ދެއްކުމުގެ ބާރު ވެސް އޮފިޝަލުންނަށް ލިބިގެންވެއެވެ.