ގަތަރު ވޯލްޑްކަޕްގެ ދެވަނަ ބުރުގެ އެންމެ ފަހު ޖާގަ ސުވިޓްޒަލޭންޑުން ކަށަވަރުކޮށްފިއެވެ.
މިޖަގާ އެޓީމަށް ލިބުނީ ރޭ ގްރޫޕް ޖީގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗު 3-2 އިން މޮޅުވެ ގްރޫޕްގެ ދެވަނަ ލިބުމުންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސުވިޓްޒަލޭންޑުންނެވެ.
މެޗުގެ 20 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒޭޑާން ޝަކީރީއެވެ. އޭގެ 6 މިނެޓް ފަހުން ސާބިއާއިން ވަނީ ލަނޑެއް ޖަހާ ސްކޯ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ އެލެގްޒެންޑާ މިޓްރޮވިޗްއެވެ.
ދެން މެޗުގައި ލަނޑު ޖެހީ ވެސް ސާބިއާއިންނެވެ. 35 ވަނަ މިނެޓްގައި ޑުސާން ވްލަހޮވިޗް ޖަހާ ދިން ލަނޑާއެކު ސާބިއާއަށް މެޗުގައި ލީޑު ލިބުނެވެ.
އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސުވިޓްޒަލޭންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ބްރީލް އެމްބޯލޯއެވެ.
އަދި ދެވަނަ ހާފް ފެށިތަނާ ހެން ސުވިޓްޒަލޭންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ. މެޗުގެ 48 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ރީމޯ ފްރޮއިލާއެވެ.
މިމެޗުން މޮޅުވެގެން އެޓީމު ދެވަނަ ބުރަށް ގޮސްފައިވާ އިރު ދެވަނަ ބުރުގައި ސުވިޓްޒަލޭންޑް ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.