ފީފާ ވޯލްޑްކަޕްގައި ބުރާސްފަތި ދުވަހުގެ ރޭ ސްޕެއިންއާއި ޖަޕާނު ވާދަކުރި މެޗުގައި ޖަޕާނުން ޖެހި ދެވަނަ ލަނޑުގެ ކުރިން ބޯޅަ ބޭރު ނުވާކަން ފެނިގެންދާ ވީޑިއޯއެއް ފީފާއިން އާއްމުކޮށްފިއެވެ.
2-1 އިން ޖަޕާނު ސްޕެއިން ބަލިކުރި އިރު މެޗުގައި ޖަޕާނުން ޖެހި ދެވަނަ ލަނޑުގެ ކުރިން ބޯޅަ ބޭރަށް ނިކުތް ކަމަށް މެޗުގެ ރެފްރީ ފުރަތަމަ ނިންމިއެވެ. އެހެން ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މި ލަނޑު ބަލާ ބޯޅަ ބޭރު ނުވާ ކަމަށް ނިންމާ ލަނޑު ދީފައެވެ. މިލަނޑުން ޖަޕާނު ދެވަނަ ބުރަށް ދިޔަ އިރު މިލަނޑަކީ ޖާމަނީ މުބާރާތުން ކަޓުވާލި ލަނޑުވެސްމެއެވެ.
ޖަޕާނު އަތުން ބޯޅަ ބޭރުވިކަން ދައްކުވައިދޭ ގިނަ ސްކްރީން ޝޮޓްތައް އާންމުވި ނަމަވެސް ފީފާއިން މިވަނީ ގޯލުގެ ވީޑިއޯއެއް ނެރެ ޖަޕާނުގެ ލަނޑު ރަނގަޅުކަން ސާބިތުކޮށްދީފައެވެ.
މިވީޑިއޯއާއެކު ފީފާއިން ބުނެފައިވަނީ ޖަޕާނުގެ ލަނޑުގެ ކުރިން ބޯޅަ ބޭރަށް ދިޔަތޯ ވީޑިއޯ އެސިސްޓަންޓް ރެފްރީ ޗެކް ކުރި ކަމަށާއި މެޗުގެ ރެފްރީން ވަނީ ގޯލް ލައިން ކެމެރާއިން ނެގި ފޮޓޯތައް ބަލާފައި ކަމަށެވެ.
އެހެން ކެމެރާތަކުން ނުރަނގަޅު މަންޒަރުތައް ދެއްކި ނަމަވެސް މިއީ ގޯލް ލައިންގެ ނިންމުންތަކަށް ހާއްސަކޮށް ހަދާފައިވާ ކެމެރާތަކެއް ކަމުން މި ފޮޓޯތަކުން ދައްކާ ގޮތުން މުޅި ބޯޅަ މުޅި ލައިނުން ބޭރު ނުވާ ކަމަށް ވެސް ފީފާއިން ބުންޏެވެ.