ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މިރޭ ނިމުމަކަށް އަންނަ އިރު މިރޭގެ މެޗުތަކުން ދެވަނަ ބުރަށް ދެން ދާނެ ދެ ޓީމު ކަށަވަރުވާނެއެވެ. މިރޭ ދެ ގްރޫޕަކުން ޖުމްލަ ހަތަރު މެޗު ކުޅޭނެ އިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހަ ޓީމަކަށް އެބަ އޮތެވެ.
މިރޭ 8 ޖަހާ އިރު ގްރޫޕް އެޗްގެ މެޗުތައް
ގްރޫޕް އެޗްގައި އޮތް ޕޯޗުގަލް މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައި އޮތުމުން އެޓީމަށް ދެވަނަ ބުރު ވަނީ ކަށަވަރުވެފައެވެ. އެހެން ނަމަވެސް ސައުތް ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗު އެޓީމަށް މުހިންމު ވަނީ ގްރޫޕްގެ އެއްވަނަ ކަށަވަރުކުރުމަށެވެ. އެއީ ގްރޫޕްގެ ދެވަނައިގައި އޮވެގެން ޕޯޗުގަލް ކުޅެން ޖެހޭނީ ގްރޫޕް ޖީގެ އެއްވަނަ ޓީމާއެވެ. ގްރޫޕްގެ ޖީގެ އެއްވަނައިގައި މިވަގުތު 6 ޕޮއިންޓާއެކު އޮތީ ބްރެޒިލްއެވެ.
މިހާތަނަށް ކުޅުނު ދެ މެޗުން އެންމެ ޕޮއިންޓެއް ލިބުނު ސައުތް ކޮރެއާ އޮތީ ތާވަލުގެ ތިންވަނައިގައެވެ. ޕޯޗުގަލް އަތުން މޮޅުވެގެން ނޫނީ ސައުތްކޮރެއާއަށް ދެވަނަ ބުރަށް ދެވެން ނެތް އިރު ގްރޫޕްގައި ކުޅޭ އަނެއް މެޗުން އުރުގުއާއީ އަތުން ގާނާ ދައްވުން ވެސް ސައުތް ކޮރެއާއަށް އެހާމެ މުހިންމެވެ.
މިގްރޫޕްގައި އުރުގުއާއީ އާ ގާނާ މިރޭ ކުޅޭ މެޗު ވަނީ ބަދަލު ހިފުމުގެ މެޗަކަށެވެ. މިގޮތުން 2010 ވަނަ އަހަރު ވޯލްޑްކަޕްގެ ކުއާޓާފައިނަލުން މޮޅުވެ ގާނާއަށް ސެމީއަށް ދާން އޮތް ފުރުސަތު ގެއްލުވާލީ އުރުގުއާއީ ކަމަށް ގާނާއިން ގަބޫލުކުރެއެވެ. މެޗުގެ ސްކޯ 1-1 އެއްގައި އޮއްވާ ފަހު ވަގުތު ގާނާއިން ޖެހި ޝޮޓެއް އުރުއުގުއީގެ ގޯލަށް ވަދެ ވަދެ އޮއްވާ އެޓީމުގެ ފޯވަޑް ލުއިސް ސުއަރޭޒް އަތުން ހިފެހެއްޓުމުން އޭނާ ރަތް ކާޑު ދައްކާ ގާނާއަށް ޕެނެލްޓީއެއް ލިބުނެވެ. އެހެން ނަމަވެސް ގާނާއަށް މި ޕެނަލްޓީ ނުޖެހުނުތާ މެޗުގެ އިތުރު ވަގުތު ނިމި ޕެނަލްޓީ ޝޫޓް އައުޓްއަކަށް ދިޔަ އިރު އެ މެޗުން އެންމެ ފަހުން މޮޅުވީ އުރުގުއާއީއެވެ.
މިރޭގެ މެޗުން ގާނާއަށް ޕޮއިންޓެއް ހޯދައިގެން ވެސް ކުރިއަށް ދެވިދާނެއެވެ. އެހެން ނަމަވެސް އެޓީމުން ބޭނުންވާނީ 2010 އަކަށް ބަދަލު ހިފާ އުރުގުއާއީ ބަލިކޮށްގެން ދެވަނަ ބުރަށް ދާންށެވެ. އުރުގުއާއީ އަށް ބަލާ އިރު ގާނާ އަތުން މޮޅުވެގެން ނޫން ގޮތަކަށް ދެވަނަ ބުރަށް ދެވޭ ކަށް އެޓީމަކަށް ނެތެވެ.
ދަންވަރު 12 ޖަހާ އިރު ގްރޫޕް ޖީގެ ގަދަ ދެ ޓީމު ކަނޑައަޅާ މެޗުތައް
ގްރޫޕް ޖީ އަށް ބަލާ އިރު އެއްވަނައިގައި އޮތް ބްރެޒިލަށް ވަނީ ދެވަނަ ބުރު މިހާރު ވެސް ކަށަވަރުވެފައެވެ. މިމެޗުން މޮޅުވުން ކޮންމެހެން މުހިންމު ނުވާ އިރު މިމުބާރާތުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ދެވަނަ ބުރަށް ދާ ފުރަތަމަ ޓީމާށް ވާން ބްރެޒިލްއިން ބޭނުންވާނެއެވެ. އެޓީމުން މިރޭ ކެމަރޫންއާ ދެކޮޅަށް ނިކުންނަ އިރު ކެމަރޫންއިން އެންމެ ފަހުން ސާބިއާ ދެކޮޅަށް ކުޅުނު މެޗަކީ މިމުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ އެއް މެޗެވެ. 3-3 އިން މިމެޗު ނިމުނު އިރު މިރޭ ބްރެޒިލް ބަލިކޮށްގެން ދެވަނަ ބުރަށް ދިއުމުގެ ހަނި ފުރުސަތެއް ކެމެރޫންއަށް އެބައޮތެވެ.
މި ގްރޫޕްގެ އަނެއް މެޗަށް ބަލާ އިރު ފުރުސަތު ބޮޑީ ސުވިޓްޒަލޭންޑަށެވެ. މިގޮތުން ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވެގެން ސުވިޓްޒަލޭންޑަށް ތިން ޕޮއިންޓް ލިބިފައިވާ އިރު ސާބިއާ ބަލިކޮށްގެން ދެވަނަ ބުރު ކަށަވަރުވާނެއެވެ. މިމެޗުން އެއްވަރުވެގެން ވެސް ސުވިޓްޒަލޭންޑަށް ދެވަނަ ބުރަށް ދެވޭނެ އިރު ސުވިޓްޒަލޭންޑްގެ ތަގްދީރު އޮންނާނީ އޭރުން އަނެން މެޗުގެ ނަތީޖާއާ ގުޅިފައެވެ.
މުބާރާތުގައި މިހާތަނަށް އެންމެ ޕޮއިންޓެއް ހޯދުނު ސާބިއާއަށް ސުވިޓްޒަލޭންޑް ބަލިކުރުން ގޮތެއް ނެތެވެ.
އިއްޔެ ނަތީޖާތައް
އިއްޔެ އަކީ ފީފާ ވޯލްޑްކަޕްގެ ދެ ފޭވަރިޓުން މުބާރާތުން ކަޓައިގެން ދިޔަ ރެއެކެވެ. މިގޮތުން ގްރޫޕް އެފްއިން ބެލްޖިއަމް އަދި ކެނެޑާ ކެޓި އިރު ކުރިއަށް ދިޔައީ މޮރޮކޯ އަދި ކްރޮއޭޝިޔާއެވެ.
މި މުބާރާތުގެ އެންމެ އުނދަގޫ ގްރޫޕުން ކުރިއަށް ދިޔައީ ޖަޕާނު (އެއްވަނަ) އަދި ސްޕެއިންއެވެ. ރޭ ޖާމަނީން ކޮސްޓާރީކާ ބަލިކުރި ނަމަވެސް އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.