ގަތަރު 2022 ގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި އާޖެންޓީނާ މުބާރާތުގެ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އެޓީމު ދެވަނަ ބުރަށް ދިޔައީ ރޭ 2-0 އިން ޕޮލެންޑް ބަލިކުރުމަށް ފަހު އެވެ. އޭނގެ ކުރިން ކުޅުނު މެޗުގައި އާޖެންޓީނާއިން ވަނީ ހަމަ މި ސްކޯލައިނުން މެކްސިކޯ ބަލިކޮށްފައެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި އާޖެންޓީނާއަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބުނު އިރު ކެޕްޓަން ލައިނަލް މެސީ ފޮނުވާލި ޕެނެލްޓީ ޕޮލެންޑްގެ ކީޕަރު ޝެޒްނީ ސަލާމަތް ކުރިއެވެ. މިއީ މިމުބާރާތުގައި ޝެޒްނީ ސަލާމަތް ކުރި ދެވަނަ ޕެނަލްޓީއެވެ.

މެސީގެ ޕެނަލްޓީ ޝެޒްނީ ސަލާމަތްކުރަނީ/ފޮޓޯ:ފީފާ

މެޗުގައި އާޖެންޓީނާއިން ލަނޑު ޖެހީ ދެވަނަ ހާގްގެ 46 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެލެކްސިސް މެކްއެލިސްޓާއެވެ. މިއީ އޭނާ އާޖެންޓީނާއަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.

މެޗުގެ 67 ވަނަ މިނެޓްގައި އާޖެންޓީނާއިން އިތުރު ލަނޑެއް ޖަހާ ނަތީޖާ ކަށަވަރު ކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޖޫލިއަން އަލްވަރޭޒްއެވެ.

މިމެޗުން މޮޅުވެ އާޖެންޓީނާއަށް 6 ޕޮއިންޓް ލިބިފައިވާ އިރު އެޓީމު ދެވަނަ ބުރުގައި ކުޅެން ޖެހޭނީ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ.

އާޖެންޓީނާ އަތުން ބަލިވި ނަމަވެސް ޕޮލެންޑް ވެސް ވަނީ ދެވަނަ ބުރަށް ގޮސްފައެވެ. މިި ގްރޫޕްގެ އަނެއް މެޗުން ސައުދީ އަތުން މެކްސިކޯ މޮޅުވެ ޕޮލެންޑާ އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ޕޮލެންޑް ކުރިއަށް ދިޔައީ ބައި ކޮޅަށް ވަތް ގޯލުގެ ތަފާތުންނެވެ.

ދެވަނަ ބުރުގައި ޕޮލެންޑް ކުޅެން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއެވެ.