އޮސްޓްރޭލިޔާގެ ތާރީހުގައި ވެސް އެގައުމުން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. އެގައުމުން ދެވަނަ ބުރަށް ދިޔައީ މިހާރު ހިނގަމުންދާ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް ޑީގައި ޑެންމާކްއާ ވާދަކޮށް 1-0 އަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މިމުބާރާތުގައި އޮސްޓްރޭލިޔާއިން ކުޅުނު ފުރަތަމަ މެޗުގައި 4-1 އިން ބަލިވި ނަމަވެސް އެގައުމުން މިވަނީ ގްރޫޕްގައި ކުޅުނު ފަހު ދެ މެޗު 1-0 ގެ ހަނި ސްކޯއަކުން ކާމިޔާބުކޮށްފައެވެ. އަދި މިއާއެކު އެޓީމަށް 6 ޕޮއިންޓް ލިބި ދެވަނަ ބުރަށް ދިޔައީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއްވަނައިގައި އޮތް ފްރާންސާ އެއްވަރަށް އޮސްޓްރޭލިޔާއަށް ޕޮއިންޓް ލިބުނު ނަމަވެސް އެޓީމު ދެވަނައަށް ދިޔައީ ގޯލު ޑިފަރެންސްއިންނެވެ.
މިމެޗުގައި އޮސްޓްރޭލިޔާއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 60 ވަނަ މިނެޓްގައި މެތިއު ލެކީއެވެ. މިއީ އޭނާ އޮސްޓްރޭލިޔާއަށް ޖެހާ ދިން ފުރަތަމަ ލަނޑެވެ.
މިރޭގެ މެޗުން ބަލިވި ޑެންމާކުން މުބާރާތް ނިންމާލީ ގްރޫޕް ޑީގެ އެންމެ ފުލުގައި އޮވެގެންނެވެ. އެއީ ކުޅުނު ތިން މެޗުން އެންމެ ޕޮއިންޓެއް ލިބުމުންނެވެ.
ދެވަނަ ބުރުގައި އޮސްޓްރޭލިޔާއިން ކުޅެން ޖެހޭނީ ގްރޫޕް ސީގެ އެއްވަނަ ޓީމެވެ. ގްރޫޕް ސީގެ ވަނަތައް އެނގިގެންދާނީ މިރޭ ދަންވަރުގެ މެޗުތައް ނިމުމުންނެވެ.