ލަންޑަނަށް އުފަން އިނގިރޭސި ލަވަކިޔުންތެރިޔާ ޑުއާ ލިޕާ 27، އަށް އަލްބޭނިއާގެ ރަށްވެހިކަން ދީފިއެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލިޕާ އަށް އަލްބޭނިއާގެ ރަށްވެހިކަން ދީފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަލްބޭނިއާގެ ރައީސް ބަޖްރަމް ބެގާޖްއެވެ. ޑުއާ ލިޕާ އަށް އެ ގައުމުގެ ރަށްވެހިކަން ދިނުމަށްފަހު އަލްބޭނިއާގެ ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަލްބޭނިއާގެ ރަށްވެހިކަން ޑުއާ އަށް ދިނުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ފަހުރަކާއި އުފަލެއް ކަމަށެވެ. އަދި ޑުއާ އެ ގައުމަށް ކޮށްދީފައި ވާ މަސައްކަތް ތަކަށް އަގުވަޒަން ކުރާ ކަމަށާއި ޑުއާ އަކީ އިޖުތިމާއީ ކަންކަމަށް ހޭލުންތެރިކަން އުފައްދަން މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި ފަންނާނެއް ކަމަށެވެ.
އަލްބޭނިއާގެ ރަށްވެހިކަން ޑުއާ ލިޕާ އަށް ލިބުނީ އެގައުމު ބައިނަލްއަގުވާމީ މައިދާނުގައި ޕްރޮމޯޓް ކުރުމަށްޓަކައެވެ. އަލްބޭނިއާގެ ރަށްވެހިކަން ލިބުމާއެކު ޑުއާ ކުރި ޓްވީޓެއްގައި ބުނީ އެގައުމުގެ ރަށްވެހިކަން ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި އެ ގައުމުގެ ރައީސަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ.
2016 ވަނަ އަހަރުން ފެށިގެން ޑުއާ އާއި އޭނާގެ ބައްޕަ ޑުކަގްޖިން ލިޕާ "ސަނީ ހިލް ފައުންޑޭޝަން" ގެ ނަމުގައި އުފެއްދި ޗެރިޓީގެ ދަށުން ދަނީ އަލްބޭނިއާގެ ފުދުންތެރިކަން ކުޑަ އާއިލާތަކަށް އެކި ގޮތްގޮތުން އެހީވަމުންނެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޑުއާ ލިޕާ ވަނީ ގިނަ އަދަދެއްގެ އެވޯޑު ވެސް ހާސިލް ކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިދިޔަ އަހަރު ބޭއްވި ގްރެމީ އެވޯޑްސްގައި ލިބުނު އެންމެ މޮޅު އަލްބަމްގެ އެވޯޑުގެ އިތުރުން 2019 ވަނަ އަހަރު އެންމެ މޮޅު އާ އާޓިސްޓުގެ އެވޯޑެވެ.