ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް، ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން ދިން 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަކީ މިވަގުތަށް ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖއެވެ.
މިއާއެކު ނަޝީދު ވަނީ އިންޑިއާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެއީ ނެތެމުން ދިޔަ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ހައްލެއް ކަމަށް ވެސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ މަދު ކަމަށާއި، ދައުލަތުގެ ފޮރިން ރިޒާވްގައި ބޭރު ފައިސާ ހުރީ މަދުން ކަމަށް، ނަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ މެދު އެކި ކަންބޮޑުވުންތައް، ނަޝީދު ވަނީ ފާޅުކުރައްވައިފައެވެ. ނަޝީދުގެ ކަންބޮޑުވުންތަކުގެ ތެރޭގައި މި އަހަރުގެ ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާނެ ކަމަށް ލަފާކޮށް ދައުލަތުން ޖަހާފައިވާ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއި، ޓެކްސް ރޭޓު އިތުރުކުރުމާ މެދު ފާޅުކުރައްވާފައިވާ ކަންބޮޑުވުން ހިމެނެއެވެ.
ދިވެހިރާއްޖޭގެ ސަރުކާރުން ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އެދިފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޮގަސްޓް 2022 ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑު ވަޒީޒު ނަރެންދުރަ މޯދީ އާ އެކު ބޭއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
މި ފައިސާގެ އެހީ ފޯރުކޮށްދެނީ އެސްބީއައި އަށް ދޫކުރެވޭ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށެވެ.
އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ދަރަނި މީގެ ކުރިން ވެސް ރާއްޖެއިން ވަނީ ނަގާފައެވެ. އެއީ ތަރައްގީގެ މަޝްރޫޢުތައް އަވަސްކުރުމަށް ކަމަށް އޭރު ސަރުކާރުން ވަނީ ބުނެފައެވެ.
އުފެދޭ ސުވާލުތަކަކީ މިކަހަލަ ކިތައް ސަތޭކަ މިލިއަން ނެގިއްޖެބާވައޭ. ނަގައިގެން މިކުރާ ޚަރަދުތައް ދެކޮޅުޖެހޭބާވައޭ. މި ފައިސާތައް ނުދެއްކިއްޖެއްޔާ ދޭންވާނީ ކިހިނެއްބާއޭ.