ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ޕޯޗުގަލް ދަތުރުކޮށްދިއެވެ. ޕޯޗުގަލް ދެވަނަ ބުރަށް ދިޔައީ ރޭ ދަންވަރު އުރުގުއާއީ އާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ.

މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް ވެސް އުފެއްދީ ޕޯޗުގަލްއިންނެވެ. އެހެން ނަމަވެސް އެޓީމަށް އުރުގުއީ ކޮޅަށް ލަނޑެއް ޖެހުނީ މެޗުގެ ދެވަނަ ހާފްގައެވެ. މިގޮތުން މެޗުގެ 54 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ޖަހާ ދިނީ މެންޗަސްޓާ ޔުނައިޓެޑަށް ކުޅޭ ބްރޫނޯ ފަނާންޑޭޒެވެ.

ޕޯޗުގަލްގެ ލަނޑަށް ފަހު އުރުގުއާއީއިން ވެސް ހަމަލާތައް އުފެއްދި އިރު ސްކޯ 1-1 އަކަށް ހަދާނެ ރަނގަޅު ފުރުސަތުތައް އެޓީމަށް ވެސް ލިބުނެވެ.

އެހެން ނަމަވެސް ދެން ވެސް މެޗުގައި ލަނޑު ޖަހާ ނަތީޖާ ކަށަވަރުކުރީ ޕޯޗުގަލްއިންނެވެ. މިގޮތުން، މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ސްކޯ 2-0 އަކަށް ހަދާ ދިނީ ވެސް ފަނާންޑޭޒްއެވެ.

މިމޮޅާއެކު ޕޯޗުގަލް މިވަނީ މި މުބާރާތުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވި ތިން ވަނަ ޓީމަށް ވެ ދެވަނަ ބުރަށް ދިޔަ ތިން ވަނަ ޓީމަށް ވެސް ވެފައެވެ.

މިހާތަނަށް ދެވަނަ ބުރަށް ގޮސްފައިވަނީ ޕޯޗުގަލްގެ އިތުރުން ފްރާންސް އަދި ބްރެޒިލްއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރުވީ އުރުގުއާއީ އަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތެއް ކިރިޔާ ވެސް އޮތީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ގާނާ ބަލިކޮށްގެންނެވެ.