ވޯލްޑްކަޕްގައި އިއްޔެ މޮރޮކޯއިން 2 ލަނޑު ޖަހާ ބެލްޖިއަމް ބަލި ކުރުމުން އެގައުމުގެ ރައްޔިތުން ރުޅި އައިސް ހަމަނުޖެހުން ހިންގައިފިއެވެ.
ބެލްޖިއަމްގެ ފުލުހުން ބުނީ، ހަމަނުޖެހުން ހިންގި މީހުން މަގުތަކަށް ނުކުމެ ފުލުހުންނާ ކުރިމަތިލި ކަމަށާއި އަދި ބައެއް ވެހިކަލްތަކުގައި ރޯކޮށް ހަދާފައި ވާ ކަމަށެވެ. މިހާދިސާގައި އެތައް ބަޔަކަށް އަނިޔާ ވި އިރު ފުލުހުންގެ ދެމީހަކަށްވެސް އަނިޔާވި ކަމަށް ބުނެފައި ވެއެވެ.
ހަމަނުޖެހުން ހިނގި ބައެއް ސިޓީތަކުގެ ތެރެއިން ބްރަސަލްސް އާއި ބެލްޖިއަމް އާ އިންވެގެން އޮންނަ ނެދަލޭންސްގެ ރޮޓަޑަމް އާއި ލިއޭގް އަދި އެންޓްވާޕްގައި ކާރުތަކުގައި ރޯކޮށް، އިކެލްޓްރިކް ސްކޫޓަރުތަކުގައި ހުޅުޖަހާފައި ވެއެވެ. އަދި ގާއުކާ ކާރުތައް ހަލާކު ކޮށްފައި ވާކަމަށްވެސް ހަބަރުތައް ބުނެއެވެ.
މިހާދިސާގައި ހަމަނުޖެހުން ހިންގި މީހުން މައިތިރި ކުރަން ފުލުހުން ވަނީ ފެންޖަހާ، އަދި ކަރުނަގޭސް ބޭނުން ކޮށްފައެވެ.
ބްރަސަލްސްގެ މޭޔަރު ފިލިޕޭ ކްލޯސް ވަނީ ހަމަނުޖެހުން ނުހިންގުމަށާއި ގާނޫނާއި ގަވާދިތަކުގެ ތެރޭގައި ތިބުމަށް އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.
ނެދަލޭންސްގެ އޮފިޝަލުން ބުނީ، އެގައުމުގެ ބަނދަރުމަތީ ސިތީ، ރޮޓަޑަމްގައި 500 އެއްހާ މީހުން އެއްވެ، ފަޓާ ހާއި ބިއްލޫރި ފުޅި ފުލުހުންނާ ދިމާއަށް އުކާފައި ވާ ކަމަށެވެ. އަދި ވެރިރަށް އެމްސްޓަޑަމް އާއި ހަގުރާމައިގެ ޖަރީމާތައް ބަލާ ކޯޓު ހުންނަ ދަ ހޭގްގައިވެސް ހަމަނުޖެހުން ހިނގި ކަމަށް އޮފިޝަލުން ބުނެއެވެ.
ބެލްޖިއަމް އާއި ނެދަލޭންޑްގެ އެކި ސަރަހައްދުތަކުގައި ވަޒަންވެރިވެގެން އުޅޭ މޮރޮކޯގެ މީހުން ބައިވަރު އުޅެއެވެ. މޮރޮކޯ އަތުން ބެލްޖިއަމް ބަލި ވުމަކީ އެމީހުންނަށް ތަހަންމަލް ނުކުރެވުނު ބޮޑު ލަދަކަށް ވިއެވެ.
ފީފާ ރޭންކިންގްގެ ދެވަނަ ޓީމު ކަމަށްވާ ބެލްޖިއަމް މޮރޮކޯއިން ބަލިކުރީ އެޓީމަށް ވުރެ ހުރިހާ ގޮތަކުން މޮޅަށް ކުޅެ އާދިޔާ ހިލާފު ހިތްވަރެއް ދައްކައިގެންނެވެ.
މޮރޮކޯގެ ކާމިޔާބީއަށް ފަހު އެޓީމުގެ ސަޕޯޓަރުންނާއި އަދި ޓީމުން އާދަޔާ ހިލާފު ކަންކަން ވެސް ކޮށްފައި ވެއެވެ. ބައެއް ކަންކަން މީޑިއާގެ ސަމާލު ކަމަށް އައި އިރު، މެޗު ނިންމާލަން ރެފްރީ ކަށިގަނޑު ފުމެލި ތަނުން ގިނަ ކެމެރާތަކުގައި އަޅައިގަތީ މޮރޮކޯގެ ހަކީމީ އޭނާގެ ޖޯޒީ ބޭލުމަށް ފަހު އޭނާގެ މަންމައަށް ދޭތަނެވެ. އަދި އެއަށް ފަހު އެދެމައިން އެކަކު އަނެކަކަށް ލޯބިން ބޮސްދޭ މަންޒަރެވެ. ކެމެރާގެ ޝޮޓަށް ނާރާ މޮރޮކޯގެ އެހެން ކުޅުންތެރިއަކު ވެސް އޭނާގެ އާއިލާއާއެކު މި ކާމިޔާބީގެ އުފާ ފާޅުކުރާކަން އެނގެއެވެ.
ބެލްޖިއަމްގައި މޮރޮކޯގެ ގިނަ ބަޔަކު ދިރިއުޅޭ އިރު ބެލްޖިއަމްގެ ރައްޔިތުންގެ ފަރާތުން މޮރޮކޯ ނަސްލުގެ މީހުންނަށް ލިބޭ ފުރައްސާރައާ ހިތްދަތިކަމަކީ މޮރޮކޯގެ އެކި އެކި ޖީލުތައް ތަހައްމަލުކުރަން ޖެހިފައިވާ ކަމެކެވެ. ރޭގެ ކާމިޔާބީ އަކީ މިފަދަ އެތަށް އަނިޔާއެއް ތަހައްމަލު ކުރި މީހުންނަށް ހޯދައިދިން ކާމިޔާބީއަކަށް ވާނެއެވެ.